ޖުމްހޫރިއްޔަތަށް 58 އަހަރު، ކުލަޖެހުނީ ޒަމާނީ ޑިމޮކްރަސީ އަކަށް!
ލިޔުންތެރިޔާ
ޖުމްހޫރިއްޔަތުގެ ރައީސުން ---
މިއަދު އަޅުގަނޑުމެން ފާހަގަ ކުރަމުން މި އަންނަނީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައި އެވެ. މިއީ ރަސްކަމުގެ ނިޒާމުން، ޖުމްހޫރީ ވެރިކަމުގެ ނިޒާމަކަށް ރާއްޖެ ބަދަލު ވެގެން ދިޔަ ތާރީޚީ ދުވަހެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމު ކޮށްފައި ވަނީ، 1953 ވަަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރަައީސްގެ ޝަރަފު ލިބިވަޑައިގެންނެވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށެވެ. ނަމަވެސް، ފުރަތަމަ ޖުމްހޫރިއްޔާ އެންމެ 7 މަސް ދުވަހުގެ ތެރޭގައި ރައީސް އަމީންގެ ވެރިކަން ނިމި، ފުރަތަމަ ޖުމްހޫރިއްޔާ އަށް ނިމުމެއް އައެވެ. އެއާއެކު އަނެއްކާ ވެސް ރާއްޖެ ބަދަލުވެގެން ދިޔައީ ރަސްކަމުގެ ނިޒާމަކަށެވެ.
ރަސްކަމުގެ ނިޒާމަށް ބަދަލުވިތާ 14 އަހަރު ފަހުން، ދެ ވަނަ ފަހަރަށް އަނެއްކާ ވެސް ދިވެހިން ޖުމްހޫރީ ވެރިކަމަށް އެނބުރުނެވެ. އެއީ 1968 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މެދުގަަައި ނެގުނު ވޯޓުންނެވެ. އެފަހަރު ވޯޓުލީ ރައްޔިތުންގެ ތެރެއިން 81 އިންސައްތަ ރައްޔިތުން ވޯޓު ދީފައި ވަނީ ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި އޮތުމެވެ.
އެއާއެކު 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް ވެވަޑައިގެންނެވީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނު އެވެ. އެހެން ނަމަވެސް، 1978 ވަަނަ އަހަރު އެމަނިކުފާނު އިސްތިއުފާ ދެއްވުމާ އެކު، ދެން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އެވެ.
ރައީސް މައުމޫން އަކީ ދެ ވަނަ ޖުމްހޫރިއްޔާގެ ދެ ވަނަ ރައީސް އެވެ. އެމަނިކުފާނު ވަނީ މެދު ނުކެނޑި 30 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރައްވައިފަ އެވެ. ރައީސް މައުމޫން އަކީ ޖުމްހޫރީ ވެރިކަމެއްގައި، އެންމެ ގިނަ ދުވަސް ވަންދެން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅާ އެވެ. އެއީ 5 އަހަރުގެ ވެރިކަމެއްގެ، 6 ދައުރެވެ.
ރަައީސް މައުމޫންގެ ވެރިކަން ބަދަލުވީ 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެވެ. އެއީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ނިންމައި، އޭގެ ފަހުން ބޭއްވުނު ފުރަތަމަ އިންތިޚާބެވެ.
އެ އިންތިޚާބުގައި ރައީސް މައުމޫންގެ މައްޗަށް ކުރި ހޯއްދަވައި، ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސަކަށް ވެވަޑައިގެންނެވީ މުޙައްމަދު ނަޝީދު އެވެ. 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސް ނަޝީދު ވެރިކަމުގެ ހުވާ ކުރެއްވި އެވެ. ނަމަވެސް، 2012 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 7 ވަނަ ދުވަހު އެމަނިކުފާނު ވަނީ ވެރިކަަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެއާއެކު، ހަމަ އެ ދުވަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ ރައީސް ނަޝީދުގެ ނައިބު ރައީސަކަށް ހުންނެވި، ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަން މަނިކު އެވެ. ރައީސް ވަޙީދު ވަނީ ދައުރުގެ ބާކީ ބައި ފުރިހަމަ ކުރައްވައިފަ އެވެ. އެއަށް ފަހު ރާއްޖޭގައި ރިޔާސީ އިންތިޚާބު އޮތީ 2013 ވަނަ އަހަރު އެވެ.
2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ވެރިކަަމަށް ވަޑައިގެންނެވީ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އެވެ. ނަމަވެސް، އެމަނިކުފާނު ހުވާ ކުރެއްވީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ އެ ފަހަރުގެ އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި، ފުރަތަމަ ބުރު އަލުން ބާއްވަން އެ ކޯޓުން ނިންމުމާ އެކު، ލަސް ވެގެން ދިޔަ ސަބަބެއްގެ ގޮތުންނެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދަަވައި، ވެރިކަަމަށް ވަޑައިގެންނެވީ އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ. އެމަނިކުފާނު ވެސް ވެރިކަމުގެ ހުވާ ކުރެއްވީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
ދެ ވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސް އަކީ، މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. އެމަނިކުފާނު ވެރިކަަމަށް ވަޑައިގެންނެވީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި، ރައީސް ޞާލިޙުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށެވެ.
މީގެ ކުރިން ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައިސް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އަައު ރައީސް ހުވާ ކުރައްވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ވީ ނަމަވެސް، މީގެ ކުރިން ފާހަގަ ކުރި ސަބަބާ ހެދި އެކަން ވަނީ ނޮވެމްބަރު 17 އަށް ބަދަލުވެފައި އެވެ. އެއީ ވެސް ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކަމެކެވެ.
ޖުމްހޫރީ ވެރިކަމާއި ލާމަރުކަޒީ ނިޒާމު
ޒަމާންތަކެއް ވަންދެން ރާއްޖޭގައި އޮތް ރަސްކަން އުވާލައި، ދިވެހިން ޖުމްހޫރިއްޔަތެއް އިޚުތިޔާރުކުރި އެންމެ މުހިންމު ބޭނުމަކީ ޢާންމު ރައްޔިތުން ބާރުވެރިކުރުވައި، ޤައުމުގެ ތަރައްޤީ ކުރިއަށް ގެންދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުމެވެ. އަދި ރައްޔިތުންނަށް އުފާ ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމެވެ. ޖުމްހޫރީ ވެރިކަމެއްގެ އަސްލަކީ ވެސް މިއީ އެވެ.
މި އަސާސްތަކާއި، ޖުމްހޫރިއްޔަތުގެ މައިގަނޑު މަޤްޞަދާ ޚިލާފަށް، އަމިއްލަ އެދުމަށްޓަކައި އެއްވެސް ފަރާތަކުން ނުވަތަ މުއައްސަސާއަކުން ފިޔަވަޅު އަޅައިފި ނަމަ، އެއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭވަފާތެރި ކަމެކެވެ.
ޖުމްހޫރީ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭން ލާޒިމު ކުރަނީ އެ ވެރިކަމުގެ ހުރިހާ ބާރަކާއި އިޚުތިޔާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ކަށަވަރު ކުރުމަށެވެ.
ދިވެހިން ޖުމްހޫރީ ނިޒާމަކަށް ރުހުން ދިނީ، ހަމައެކަނި ވެރީންގެ ޚިދުމަތުގައި ދެމި ތިބުމުގެ ބަދަލުގައި، ރައްޔިތުންގެ މަންފާ އާއި ކުރިއެރުމަށް މަސައްކަތްކޮށް، ތަނަވަސް އަދި ބާއްޖަވެރި މުސްތަޤުބަލެއް ހޯދުމުގެ ފޮނި އުންމީދުގައި އެވެ.
ދިވެހި ޖުމްހޫރިއްޔާ އަށް 58 އަހަރު ވެގެން ގޮސްފައިވާއިރު، ރާއްޖޭގައި މިހާރު މި ވަނީ ޒަމާނާ އެއްގޮތަށް ޑިމޮކްރަސީގެ އުސޫލުތައް ފައްކާކުރެވިފައި އެވެ. ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތް ދިނުމުގެ މަޤުޞަދުގައި ލާމަރުކަޒީ ނިޒާމެއް ވަނީ ތައާރަފުކުރެވިފައި އެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކަކީ މިހާރު ދައުލަތުގެ ވެރިކަން ހިންގުމުގައި ބައިވެރިވާ މުހިންމު ގުނަވަން ތަކެކެވެ.
މި ސަބަބަށްޓަކައި، ކައުންސިލްތަކުގެ މައްޗަށް ލާޒިމުވަނީ ސަރުކާރުގެ ސިޔާސަތުތަކަށް އިޙްތިރާމްކުރަމުން، ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލާ އެއްގޮތަށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. ކައުންސިލްތަކުން އަމަލުކުރަން ޖެހޭނީ ޤައުމީ ފެންވަރުގައި ހެދިފައިވާ މައިގަނޑު ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެ ތެރޭގައި އެވެ.
ވަކި ދާއިރާ އަކަށް ޚާއްސަ ކޮށްގެން އައު ޤާނޫނުތަކެއް އެ ފަރާތްތަކަކަށް ނުހެދޭނެ އެވެ. އަދި ދާއިރާގެ ކަންކަން ހިންގުމަށްޓަކައި ހަދާ އެންމެހައި އުސޫލުތަކާއި ޤަވާއިދުތައް ވެސް ވާން ޖެހޭނީ ޤާނޫނު އަސާސީއާއި ސަރުކާރުގެ ސިޔާސަތުތަކާ ފުށުނާރާ އެއްޗަކަށެވެ. އެހެންކަމުން، ކައުންސިލްތައް މަސައްކަތް ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރާ އަތުގުޅައިލައިގެން، ސަރުކާރު ހިންގުމުގެ ބައެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް