Article Top
ޚަބަރު •

6 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން ސްޓެލްކޯއާ ހަވާލުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

6 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން ސްޓެލްކޯއާ ހަވާލުކޮށްފި

ފެނާ ނަރުދަމާގެ މަޝްރޫއުތައް ނިންމުމަށް ސްޓެލްކޯއާ ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ/ ސްޓެލްކޯ

ރާއްޖޭގެ ހަ ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދުއެވެ. މި އެއްބަސްވުންތަކުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިރެވެ.

ސްޓެލްކޯއާ ފެނާ ނަރުދަމާގެ މަސައްކަތް ކުރުމަށް ހަވާލުކުރެވުނު ހަ ރަށަކީ ހއ. އުލިގަން، ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ރ. އިންނަމާދޫ، ރ. ކިނޮޅަސް އަދި ބ. މާޅޮހެވެ.

މި ރަށްތަކުގެ ތެރެއިން އިހަވަންދު އާއި އިންނަމާދޫގައި މި ހިދުމަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އަލަށް މީހުން އާބާދުވި ސަރަހައްދުތަކުގައެވެ. މީގެ އިތުރުން މާޅޮހުގައި މި ހިދުމަތް ފުޅާކުރުމަށް ނިންމާފައިވަނީ އެ ރަށުގައި ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށެވެ.

މަޝްރޫއުތަކަށް ހިނގާނެ ހަރަދުތަކަށް ބަލާއިރު، އުލިގަމުގެ މަސައްކަތަށް 22.3 މިލިއަން ރުފިޔާ އަދި މޮޅަދޫގެ މަޝްރޫއަށް 29 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ކިނޮޅަހުގެ ނިޒާމު ގާއިމުކުރުމަށް 18 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މާޅޮހުގެ މަޝްރޫއަށް ހަމަޖެހިފައިވަނީ 10.7 މިލިއަން ރުފިޔާއެވެ. އަދި އިހަވަންދޫގެ މަސައްކަތަށް 17 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، އިންނަމާދޫގެ މަސައްކަތަށް ހަމަޖައްސާފައިވަނީ 19.1 މިލިއަން ރުފިޔާއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އަމާޒުގައި މި ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދެއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި މަރުހަލާގައި ގިނަ ރަށްތަކެއްގެ މިފަދަ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެހެންކަމުން މީގެ ތެރެއިން ބައެއް މަސައްކަތްތައް އަލުން ކުރިއަށް ގެންދަން ފެށުނީ ކުރިން ހަދާފައިވާ އެއްބަސްވުންތައް ބާތިލުކުރުމަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް