ރައީސް މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސްއާ ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި ސީޝެލްސްގެ ނައިބު ރައީސް ސެބަސްޓިއަން ޕިލޭގެ ބައްދަލުވުމުގެ ތެރެއިން.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސެބަސްޓިއަން ޕިލޭއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ފްރޭމް ވޯކް ކޮންވެންޝަންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެ ވަޑައިގަތުމަށް ތުރުކީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ދިވެހިރާއްޖެ އާއި ސީޝެލްސް އަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށާއި، ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމު ތަކަށް (ސިޑްސް) ލިބޭ އެހީތެރިކަން އިތުރު ކުރުމަށް ބާރުއަޅާ ވަކާލާތުކުރާ ދެ ޤައުމެވެ.
ކޮޕް ސަމިޓު ކުރިއަށް ދާނީ ބުދަ ދުވަހުން ފެށިގެން، ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކޮޕް ސަމިޓަކީ ރާއްޖެ އަށް ވަރަށް މުހިންމު ސަމިޓެއް ކަަމަށެވެ.
ދުނިޔޭގެ ތިމާވެށީގެ ކަންކަމުގައި ރާއްޖެ އަކީ ވަރަށް އިސް ދައުރެއް އަދާ ކުރާ ޤައުމެއް ކަަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ އަކީ ޤައުމުގެ އަމިއްލަ ތިމާވެށި ހިމާޔަތް ކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ވެސް ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާ ޤައުމެއް ކަމަށެވެ.
ރާއްޖެ އަށް ދެމެހެއްޓެނިވި ތަރައްޤީ ހާސިލު ކުރުމުގައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން، ލިބޭ ގެއްލުން ކުޑަ ކުރުމުގައި ވީހާ ވެސް ގިނަ މަސައްކަތްތަކެއް ކުރާ ޤައުމަކަށް ރާއްޖެ ވާން ބޭނުންވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ހަމައެއާއެކު ރާއްޖެ އިން ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އެގޮތުން އިއާދަ ކުރަނިވި ހަކަތައިގެ 33 އިންސައްތަ ހާސިލުކުރުމާއި، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ފަދަ ކަންކަން ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ. ރާއްޖޭގެ ގޮނޑު ދޮށްތަކަށް ލިބޭ ގެއްލުންތަކާއި، އެހެނިހެން މައްސަލަ ތަކުގަައި ވެސް ސަމިޓުގައި ވާހަކަ ދައްކަވާނެ ކަަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް