އިބޫ އެނބުރި އައިސް ރަންނަމާރި ޗެލެންޖް ކާމިޔާބު ކޮށްފި
ލިޔުންތެރިޔާ
އިބޫ -- ފޮޓޯ/ޓީޕީޕީ
ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ސާފަރު އަދި ގައުމީ ޓީމުގެ މިހާރުގެ ކޯޗު ހުސައިން އަރީފް (އިބޫ) ރަންނަމާރި ޗެލެންޖް 1448 ގެ ޝޯޓްބޯޑް އޯޕަން މެންސް ޗެމްޕިއަންކަން ހޯދައިފި އެވެ.
މި އަހަރުގެ ޗެމްޕިއަންކަމާ އެކު އިބޫ މިހާރު ވަނީ ޝަރަފްވެރި ރަންނަމާރި ޗެލެންޖް ރެކޯޑް އަށްވަނަ ފަހަރަށް ކާމިޔާބު ކޮށްފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ފޯރިގަދަ ފައިނަލް ހީޓުގައި، އިބޫ ވަނީ ގައުމީ ސީނިއާ ޓީމުގެ އެތުލީޓު، 16 އަހަރުގެ ޔަސީން އަހުމަދު ނާޝިދުގެ މައްޗަށް ކުޑަ ތަފާތަކުން ކުރިހޯދައިފަ އެވެ. އިބޫ މިއިވެންޓް ކާމިޔާބުކުރީ 12.50 ޕޮއިންޓް ހޯދައިގެންނެވެ. ޔާސީންއަށް ލިބުނީ 12.27 ޕޮއިންޓެވެ.
އިބޫ އެންމެ ފަހުން ރަންނަމާރި ޗެލެންޖެއް ކާމިޔާބުކުރީ 2019 ގައެވެ. އޭގެ ފަހުން ކުރިމަތިވި ސީރިއަސް އަނިޔާއަކުން އަރައިގަނެ، 2022 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖުގެ ފައިނަލަށް ދިޔަ ނަމަވެސް، އެ ފަހަރު މުހައްމަދު އިރުޝާދު (ބިއްލޫ) އަތުން ބަލިވީ އެވެ. އަދި އޭނާ ވަނީ 2023 ވަނަ އަހަރުގެ ދިވެހި ސާފް ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ވާދަވެރި ސާފިންއިން ރަސްމީކޮށް ރިޓަޔާ ވެސް ކޮށްފަ އެވެ.
ޒުވާން ޖީލަށް މަގުދައްކައިދިނުމަށްޓަކައި ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ނަމަވެސް، ރަންނަމާރި ޗެލެންޖްގައި އަލުން ރާޅާއަޅާން ނުކުމެ އޭނާ މިވަނީ ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ ރާޅުތަކުގައި ވާދަކޮށް ކާމިޔާބު ހޯދުމުގެ ހުނަރާއި ރޫހު އަދިވެސް އެންމެ މަތީ ފަންތީގައި އޭނާގެ ކިބައިގައި އެބަހުރި ކަން ސާބިތު ކޮށްދީފަ އެވެ.
ފައިނަލްގައި ވާދަކުރި ޔަސީން އަކީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ މެންސް އޯޕަން ޑިވިޝަންގެ ޗެމްޕިއަން ވެސް މެއެވެ. މުބާރާތްތަކުން ރިޓަޔާކޮށްފައިވާ މާސްޓަރެއް އެނބުރި އައިސް ޕޯޑިއަމްގެ އެންމެ ކުރި ހޯދިއިރު، އޭނާއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވާފައި މިވަނީ ހުދު އޭނާގެ އަމިއްލަ ދަރިވަރެވެ.
ޔަސީން ވަނީ ޖޫނިއާ މެންސް ފައިނަލްގައި މުހައްމަދު އިނާން އަބްދުލް ހަންނާނާ ވާދަކޮށް 10.40 ޕޮއިންޓް ހޯދައިގެން ޖުމްލަ 0.07 ޕޮއިންޓްގެ ތަފާތަކުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި އަހަރުގެ ރަންނަމާރި ޗެލެންޖްގައި އަންހެން އޯޕަން ޗެމްޕިއަންކަން ހޯދާފައި ވަނީ ނުވަ އަހަރުގެ އާލިޔާ ލަތީފް އެވެ. އަދި 35 އަހަރުން މަތީގެ މާސްޓާސް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހުސެއިން ނިޒާމް (ނީޒޯ) އެވެ.
ޓީމް އިވެންޓް ކަމަށްވާ މަރުހަބާ ކަޕް ކާމިޔާބުކުރީ ޓީމް ފަޔާ އެވެ. މި ޓީމުގައި ހިމެނެނީ އާލިޔާ އާއި އިނާންގެ އިތުރުން އާމިން އުމަރު މޫސާ އެވެ. ދެވަނައަށް ދިޔަ ޓީމް ބަޑީޒް ގައި ހިމެނެނީ އަލީ ޖާވިދާއި ޝާޒިޔާ ސައީދު އަދި އަހުމަދު އާގިލް (އަންމަޑޭ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް