ރާއްޖެއަށް ތިންވަނަ: ފުޓްސަލްގައި ފަހުރުވެރި ނަތީޖާއަކާއެކު މުބާރާތް ނިންމާލައިފި
ލިޔުންތެރިޔާ
ރާއްޖޭގެ ފުޓްސަލް ޓީމު ބްރޯންޒް މެޑަލް އާއެކު -- ފޮޓޯ/އެފްއޭއެމް
ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި މުބާރާތުގެ ޗެމްޕިއަން ޗައިނާ އަތުން 8-3 އިން ރާއްޖެ ބަލިވި ނަމަވެސް، މުބާރާތުގައި ދިވެހި ޓީމުން ވަނީ ވަރަށް ފަހުރުވެރި ނަތީޖާތަކަކާއެކު މުބާރާތުގެ ތިންވަނަ ހޯދައިފަ އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ހޮންގް ކޮންގް އަތުން 7-0 ގެ ތަފާތު ބޮޑު ރެކޯޑު މޮޅެއް ހޯދައި ރާއްޖެއިން ވަނީ ފޯމު ދައްކާލައިފަ އެވެ.
ތިންވަނަ މެޗުގައި މުބާރާތުގެ އެންމެ ވަރުގަދަ ޗައިނާއާ ދެކޮޅަށް ރޭ ނުކުތްއިރު، މީގެ 21 އަހަރު ކުރިން 2005 ގައި އޭޝިއަން ޗެމްޕިއަންޝިޕްގައި ޗައިނާ އަތުން ރާއްޖެ ވަނީ 21-0 އިން ބަލިވެފަ އެވެ. ނަމަވެސް، ރޭގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މި މެޗުގައި ޗައިނާއިން ކުރީކޮޅު ލީޑު ނެގި ނަމަވެސް، ރާއްޖޭގެ އިޝާން އިބްރާހިމް (ސައްޓު) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އަހުމަދު ހަމީދު (އައްމަޑޭ) ވަނީ މެޗުގައި ރާއްޖެއަށް ލަނޑުތައް ޖަހައިދީފަ އެވެ. ދެ ގޯލުގެ ތަފާތަކުން ޗައިނާ މެޗުން މޮޅުވާން ދަނިކޮށް އެ ޓީމު ލީޑު ފުޅާ ކުރީ ފަހު ވަގުތު އެވެ.
މުބާރާތުގެ މެޗުތައް ނިމުނުއިރު، ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނާ އެވެ. ދެ މެޗުން މޮޅުވި ދެކުނު ކޮރެއާ ދެވަނަ ހޯދިއިރު، މެޗަކުން މޮޅުވެގެން ރާއްޖެއަށް ލިބުނީ މުބާރާތުގެ ތިންވަނަ އެވެ. ހޮންގް ކޮންގް ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައިދިން ކޯޗު ފާރޫކް ޒަކީރޯވް ސީދާ ޗައިނާއިން ޓީމާ ގުޅުނުއިރު، މާލޭގައި އިންޑޯ ޕްރެކްޓިސް ކުރާނެ ފުރުސަތު ނުލިބި ދިޔަ މި މުބާރާތަކީ ދިވެހި ފުޓްސަލް ޓީމަށް ބައިނަލްއަގުވާމީ މައިދާނުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް