ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް މުޢިއްޒު ފުރާވަޑައިގެންފި
ލިޔުންތެރިޔާ
ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގެންނެވުމުގެ ތެރެއިން.
ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ އަށް ފުރާވަޑައިގެންފިއެވެ.
މިއަދު ހެނދުނު ރައީސް ތުރުކީއަށް ފުރާވަޑައިގެންނެވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް ވަދާއު ދެންނެވީ ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުހަންމަދު ލަތީފްއެވެ.
ނައިބު ރައީސްގެ އިތުރުން ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ރައީސްއަށް ވަދާއު ދެންނެވުމަށް އެއާޕޯޓަށް ވަޑައިގަތެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންފައެވެ.
ކޮޕް ސަމިޓު ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 11 އިން 12 އަށް ތުރުކީގައިއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮޕް ސަމިޓަކީ ރާއްޖެ އަށް ވަރަށް މުހިންމު ސަމިޓެއް ކަަމަށެވެ.
ދުނިޔޭގެ ތިމާވެށީގެ ކަންކަމުގައި ރާއްޖެ އަކީ ވަރަށް އިސް ދައުރެއް އަދާ ކުރާ ޤައުމެއް ކަަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ އަކީ ޤައުމުގެ އަމިއްލަ ތިމާވެށި ހިމާޔަތް ކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ވެސް ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާ ޤައުމެއް ކަމަށެވެ.
ރާއްޖެ އަށް ދެމެހެއްޓެނިވި ތަރައްޤީ ހާސިލު ކުރުމުގައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން، ލިބޭ ގެއްލުން ކުޑަ ކުރުމުގައި ވީހާ ވެސް ގިނަ މަސައްކަތްތަކެއް ކުރާ ޤައުމަކަށް ރާއްޖެ ވާން ބޭނުންވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ހަމައެއާއެކު ރާއްޖެ އިން ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އެގޮތުން އިއާދަ ކުރަނިވި ހަކަތައިގެ 33 އިންސައްތަ ހާސިލުކުރުމާއި، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ފަދަ ކަންކަން ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ. ރާއްޖޭގެ ގޮނޑު ދޮށްތަކަށް ލިބޭ ގެއްލުންތަކާއި، އެހެނިހެން މައްސަލަ ތަކުގަައި ވެސް ސަމިޓުގައި ވާހަކަ ދައްކަވާނެ ކަަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް