ބިރުވެރި މާހައުލު ނައްތާލައިފިން، ފާޑުކިޔައިގެން މިހާރު ޓީޗަރަކަށް ފިޔަވަޅެއް ނާޅާނެ: ޝަފީއު
ލިޔުންތެރިޔާ
އެޑިއުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ --
ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމާ ގުޅިގެން އެއްވެސް މުދައްރިސަކާ ދެކޮޅަށް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ
ސަރުކާރުގެ "އަހާ" ފޯރަމުގައި އާންމު ރައްޔިތަކު ދެންނެވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މި ވެރިކަން ފެށުނީއްސުރެ ވިސްނުން ބަހައްޓަވާފައިވަނީ ޓީޗަރުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެ ފަރާތްތަކުގެ އަގުވަޒަންކޮށް، ހިތްހަމަޖެހިގެން މަސައްކަތްކުރެވޭނެ މާހައުލެއް ބިނާކުރުމަށް ކަމަށެވެ.
މިހާރު އެއްވެސް ޖެހިލުމެއް ނުވަތަ ނުފޫޒެއް ނެތި ޓީޗަރުންނަށް ވަޒީފާ އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވީ ނަމަވެސް، ވޭތުވެދިޔަ ވެރިކަމުގައި މުދައްރިސުން އުޅެންޖެހުނީ ބިރުވެރިކަމާއި އެކި ކަހަލަ ފިއްތުންތަކުގެ ތެރޭގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ނިމިދިޔަ ދައުރުގައި އެކި މިންވަރުގެ ފިޔަވަޅުތައް އަޅާފައިވާ ސަތޭކައަށް ވުރެ ގިނަ ޓީޗަރުން ތިބިކަން މިނިސްޓަރުގެ ވާހަކަފުޅުގައި ހެއްކެއްގެ ގޮތުން ފާހަގަކުރެއްވިއެވެ.
މި ސަރުކާރުގެ އަމާޒަކީ މުދައްރިސުންގެ ފެންވަރު އިތުރަށް މަތިކޮށް، އެ ޓީޗަރުންގެ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުން ކަމުގައި މިނިސްޓަރު ޝަފީޢު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ޓީޗަރުންގެ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މި ދާއިރާގައި ގިނައީ އަންހެނުން ކަމަށްވާތީ، ސްކޫލުތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކުރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ދެކިގެން މަސައްކަތްކުރައްވާކަމަށެވެ.
މީގެ އިތުރުން، ފިރިހެނުންވެސް ވަޒީފާތަކުގައި އުޅުނު ކަމުގައި ވިޔަސް، ގޭތެރޭގެ އެކި ޒިންމާތަކާއި ދަރިން ތަރުބިއްޔަތުކުރުމުގެ ކަންކަމުގައި އަންހެނުން ފިރިހެނުންނަށްވުރެ ފަސް ގުނަ އިތުރަށް ބުރަ އުފުލަންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ހުކުރު ދުވަސްތަކުގައި މުދައްރިސުން މަސައްކަތަށް ނުކުންނަންޖެހޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް