ރަސްމާލެ ހިއްކަން ޚަރަދުވާނީ 330 މިލިއަން ޑޮލަރު، ބޮޑުބައި ރުފިޔާއިން ދައްކައިފިން: މުއްތަލިބު
ލިޔުންތެރިޔާ
މިނިސްޓަރު މުއްތަލިބު
މުޅި ރަސްމާލޭ ބިން އެއްކޮށް ހިއްކުމަށް ދައުލަތުން ޚަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށި ދުވަސްވަރު 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް އަންދާޒާކުރެވުނު ކަމަށެވެ.
އަދި އޭރު އެ އަދަދު ހިސާބުކުރީ އޭރުގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ހިނގި ޚަރަދަށާއި މާކެޓް ރޭޓުތަކަށް ބަލައިގެން، ގޮނޑުދޮށް ހިމާޔަތްކުރުން (ޝޯ ޕްރޮޓެކްޝަން) ވެސް ހިމަނައިގެން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން، ޑްރެޖަރު ޗާޓަރުކޮށްގެން ވީހާވެސް ޚަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން އެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މިއަހަރު ނިމެންވާއިރަށް މުޅި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައިވާއިރު، މުޅި 1،009 ހެކްޓަރު ހިއްކުމަށް ހިނގާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށާއި، އޭގެ ތެރެއިން 500 ހެކްޓަރަށް ޚަރަދުވާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަޝްރޫއަށް ޚަރަދުވާ 330 މިލިއަން ޑޮލަރުގެ ބޮޑު ބައެއް، ޑޮލަރުގެ ދަތިކަމަށް އަސަރު ނުކުރާނޭހެން ދިވެހި ރުފިޔާއިން ދައްކާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް