Article Top
ޚަބަރު •

ލަސްތަކެއް ނުވެ ގިރާވަރު ފަޅު ހިއްކައި ނިމި، ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ: މިނިސްޓަރު މުއްޠަލިބު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ލަސްތަކެއް ނުވެ ގިރާވަރު ފަޅު ހިއްކައި ނިމި، ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ: މިނިސްޓަރު މުއްޠަލިބު

އަހާ ފޯރަމްގައި ހައުސިން މިނިސްޓަރު މުއްޠަލިބު ވާހަކަ ދައްކަވަނީ.

ލަސްތަކެއް ނުވެ ގިރާވަރު ފަޅު ހިއްކައި ނިމި، ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ އޮތް އަހާ ފޯރަމްގެ 11 ވަނަ ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދަައްކަވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ގިރާވަރު ފަޅުގެ މަސައްކަތް ހުއްޓިފައި އޮތީ މެދު އިރުމަތީގެ ޙާލަތަށް އައި ބަދަލާ ގުޅިގެން، ތެލުގެ އަގު މައްޗަށް ދިޔުމާ ގުޅިގެން ކަމަށެވެ. އޭރު ވެސް އޮތީ، ގިރާވަރު ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ނިމިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިހާރު މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވި އެވެ. އެހެންކަމުން، ސަރުކާރުގެ އުންމީދަކީ ލަސްތަކެއް ނުވެ އެ ސަރަހައްދުން ބާކީ އޮތް ބައި ހިއްކައި ނިންމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ސަރަހައްދު ހިއްކަން ނިމެންވާއިރަށް ސާވޭގެ މަސައްކަތް ފަށައި، ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވެސް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

"އެހެން ނަމަވެސް މިހާރު، ޚަބަރުތަކުން ވެސް ފެނިވަޑައިގަންނަވާނެ، މަސައްކަތް ފަށައިގެން ކުރިއަށް އެބަދޭ. އެހެންވީމާ އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އަޅުގަނޑުމެންގެ އުންމީދަކީ ބާކީ އޮތް ބައި ހިއްކައި ނިމެންވާއިރަށް، ސާވޭގެ މަސައްކަތް ވެސް ފަށައި، އެ ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން،" މިނިސްޓަރު މުއްޠަލިބު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ގުޅީފަޅުގައި އަދި ހުޅުމާލޭ ފޭސް ތިނެއްގައި ގޯތިތައް ލިބިފައިވާ ފަރާތްތަަކަށް ވަށާ ފާރު ރޭނުމުގެ ހުއްދަ އާއި އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ދެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަމުން އަންނަ ކަަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް