ޝާހިދުގެ ފަރާތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި
ލިޔުންތެރިޔާ
ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު.
އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރު ކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގަައި އިސްތިއުނާފު ކުރަން ހުށަހެޅިއިރު، އެ ކޯޓުން މައްސަލަ ބަލައިގެންފި އެވެ.
ޝާހިދުގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ހައި ކޯޓުގެ ވެބްސައިޓުގައި މިހާރު ފެންނަން އޮތް ގޮތުގައި އެ މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައި އެވެ. އެހެންކަމުން އެ ކޯޓުގައި ޝާހިދުގެ އިސްތިއުނާފުގެ ޝަރީއަތް ވަރަށް އަވަހަށް ފެށޭނެ ކަަމަށް ބެލެވެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޝާހިދު ހައްޔަރު ކޮށްފައި ވަނީ ނޮވެމްބަރު 2 ވީ ހޯމަ ދުވަހުގެ ރޭ އެވެ. އެއަށް ފަހު ފުލުހުން ބުނީ ޝާހިދު ހައްޔަރު ކުރީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެވެ. އެ މައްސަލައިގައި ނޮވެމްބަރު 3 ވީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝާހިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
ފުލުހުން ޝާހިދު ހައްޔަރު ކުރުމުގެ ކުޑަ ވަގުތު ކޮޅެެއް ކުރިން އޭނާ ވަނީ އެކްސް އެކައުންޓުގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަ ތަކެއް ކަަމަށް ވިދާޅުވެފައި އެވެ.
ޝާހިދު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްވަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އޭނާ ފޮރިން މިނިސްޓަރުކަން ކުރެއްވި މުއްދަތުގައި ޝާހިދު ވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އޭގެ ކުރިން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ވެސް ޝާހިދު ވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ.
އެމްޑީޕީގެ ވެރިކަމަށް ފަހު ޝާހިދު ވަނީ، އެ ޕާޓީގެ ރައީސްގެ މަޤާމު ވެސް އަދާ ކުރައްވައިފަ އެވެ. އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. ޝާހިދު އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް