ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް މާދަމާ ފުރާވަޑައިގަންނަވަނީ
ލިޔުންތެރިޔާ
2023 ވަނަ އަހަރު އޮތް ކޮޕް ސަމިޓުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު.
ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މާދަމާ ތުރުކީ އަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.
ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކޮޕް ސަމިޓަކީ ރާއްޖެ އަށް ވަރަށް މުހިންމު ސަމިޓެއް ކަަމަށެވެ. ދުނިޔޭގެ ތިމާވެށީގެ ކަންކަމުގައި ރާއްޖެ އަކީ ވަރަށް އިސް ދައުރެއް އަދާ ކުރާ ޤައުމެއް ކަަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ އަކީ ޤައުމުގެ އަމިއްލަ ތިމާވެށި ހިމާޔަތް ކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ވެސް ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާ ޤައުމެއް ކަމަށެވެ.
ރާއްޖެ އަށް ދެމެހެއްޓެނިވި ތަރައްޤީ ހާސިލު ކުރުމުގައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން، ލިބޭ ގެއްލުން ކުޑަ ކުރުމުގައި ވީހާ ވެސް ގިނަ މަސައްކަތްތަކެއް ކުރާ ޤައުމަކަށް ރާއްޖެ ވާން ބޭނުންވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ހަމައެއާއެކު ރާއްޖެ އިން ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އެގޮތުން އިއާދަ ކުރަނިވި ހަކަތައިގެ 33 އިންސައްތަ ހާސިލުކުރުމާއި، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ފަދަ ކަންކަން ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ. ރާއްޖޭގެ ގޮނޑު ދޮށްތަކަށް ލިބޭ ގެއްލުންތަކާއި، އެހެނިހެން މައްސަލަ ތަކުގަައި ވެސް ސަމިޓުގައި ވާހަކަ ދައްކަވާނެ ކަަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ކޮޕް ސަމިޓު ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 11 އިން 12 އަށް ތުރުކީގައި އެވެ. އެ ސަމިޓުގަައި ބައިވެރިވެ ވަޑައިގެންވުމަށް އަންގާރަ ދުވަހު ރައީސް މުޢިއްޒު ފުރާވަޑައިގަންނަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް