Article Top
ޚަބަރު •

އަޅުގަނޑަށް ވެސް، އަދި ސަރުކާރުގެ ބޭފުޅަކަށް ވެސް ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަޅުގަނޑަށް ވެސް، އަދި ސަރުކާރުގެ ބޭފުޅަކަށް ވެސް ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ: ރައީސް މުޢިއްޒު

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ އެއްވެސް ފަރާތަަކަށް ކޮރަޕްޝަންގެ ފައިސާއެއް ލިބިފައި ނުވާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުގެ ތެރެއިން، ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ކޮރަޕްޝަންގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. އެކަމާ ގުޅޭ ގޮތުން ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސްއާ ސުވާލު ކޮށްފައި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިޔުމުގައި އެމަނިކުފާނަށް ވެސް، ނުވަތަ ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ ކަމަށެވެ. އެފަދަ ވާހަކަ ތަކެއް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަނީ ސިޔާސީ މަޤުސަދެއްގައި ކަމަށާއި، އެއްވެސް ޙަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށް ރަައީސް ވިދާޅުވި އެވެ.

"އެއްވެސް މަޝްރޫއެއް ހިންގާކަށް ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް، ނުވަތަ އެއްވެސް ފައިދާއެއް އަޅުގަނޑަށް ވިޔަސް އަދި ސަރުކާރުގެ އެއްވެސް ފަރާތަކުން ނުހޯދާނެ. މިހާތަނަށް ހޯދާފައި ވެސް ނޯންނާނެ. ދެންމެ ދިޔަ ވިދާޅުވި ކަންތައް އެއީ ޙަގީގަތެއް ނޫން،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ބޭނުން ވަނީ ކޮންމެ ކަމެއްގައި ވެސް ސިޔާސީ ގޮތުން ރައްޔިތުންގެ ތެރޭގައި ހިތް ނުތަނަވަސްކަން އުފައްދަން ކަމަށެވެ. އެކަމުގެ ތެރެއިން، އެއްވެސް ޙަގީގަތެއް ނެތް ވާހަކަތައް ދެއްކުމަކީ އާދަޔަކަށް ވެފައިވާ ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ރަސްމާލޭގައި އީގަލް ހިލްސް އިން ކުރިއަށް ގެންދާ މަޝްރޫއުއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާއިރު، އެ ޤާނޫނުގަައި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތްތައް ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް