ރިއަލް އެސްޓޭޓްގެ ބިލު: ސީދާ ގޮތުންނާއި، ނުސީދާ ގޮތުން ވެސް އިސްރާއީލްއާ ގުޅުން އޮތް މީހަކަށް ޕްރޮޕަޓީއެއް ނުގަނެވޭނެ
ލިޔުންތެރިޔާ
ރަސްމާލޭގައި ތަރައްޤީ ކުރާ ސަރަަހައްދުގެ ކުރެހުމެއް.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައިި، އިސްރާއީލްއާ ސީދާ ގޮތުން ވެސް، އަދި ނުސީދާ ގޮތުން ވެސް ގުޅުން އޮތް މީހަކަށް އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެ ކަމަށް ހިމަނައިފި އެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅުއްވާފައި ވަނީ، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙުމަދު އައިފާން އެވެ.
އެ ބިލުގެ 93 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ:
މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތް ނަމަވެސް، އިސްރާއީލް ރައްޔިތުންނަށް، ނުވަތަ އިސްރާއީލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ޤާނޫނީ ޝަޚުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާ އަށް، ޒޯނުގައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށެވެ. އަދި، ޒޯނެއްގައިވާ ބިމެއް ސަބްލީސް ވެސް ނުކުރެވޭނެ ކަމަށް ވަނީ ބުނެފައި އެވެ.
ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ސަރުކާރުން ކުރިއަށް ގެންދަން އުޅޭ ބިޔަ މަޝްރޫއާ ގުޅިގެން، އެކަމުގެ ސަބަބުން އިސްރާއީލްގެ ރައްޔިތުން ރާއްޖެ އަށް އަންނާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް، ސަރުކާރުން މި ހުށަހެޅި ބިލުގައި ވަނީ، އެފަދަ އެއްވެސް ކަމަަކަށް ފުރުސަތެއް ނޯންނާނެ ގޮތަށް ބައްޓަން ކޮށްފައި އެވެ.
މިކަމާ ގުޅޭ ގޮތުން މީގެ ކުރިން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވެސް ވަނީ، ރަސްމާލޭގައި ހިންގާ މަޝްރޫއު އިން އިސްރާއީލްގެ އެއްވެސް މީހަަކަށް، އަދި އިސްރާއީލްއާ ގުޅުން އޮންނަ މީހަކަށް ވެސް ޕްރޮޕަޓީއެއް ގަތުމުގެ ފުރުސަތު ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް