ރިއަލް އެސްޓޭޓްގެ ބިލު: ބަނގުރަލާއި އޫރުމަސް، އަދި އެކުލެވޭ ތަކެތި އިމްޕޯޓު ކުރުމާއި ވިއްކުން ވެސް މަނާ!
ލިޔުންތެރިޔާ
ރަސްމާލޭގައި ތަރައްޤީ ކުރާ ސަރަަހައްދުގެ ކުރެހުމެއް.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައިި، ބަނގުރަލާއި އޫރުމަސް އިމްޕޯޓު ކުރުމާއި، ވިއްކުން ވެސް މަނާ ވާނެ ކަމަށް ހިމަނައިފި އެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅުއްވާފައި ވަނީ، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙުމަދު އައިފާން އެވެ.
އެ ބިލުގެ 77 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ:
މި މާއްދާގެ ދަށުން ކަނޑައަޅާ ޒޯނުގައި ތަރައްޤީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރި ތަކަށް ނުވަތަ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރު މަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރު މަހުން އުފައްދާ ތަކެތި އިމްޕޯޓު ކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުން ކުރުމަށް ހުއްދަ ލިބިގެން ނުވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ރަސްމާލޭގައި ތަރައްޤީ ކުރާ ސަރަހައްދުގައި ބަނގުރާ ވިއްކުމާއި، ބޭނުން ކުރުމާއި، އޫރު މަސް ގެންގުޅުން އަދި ބޭނުން ކުރުން ވެސް މަނާ ވާނެ ކަަމަށް މީގެ ކުރިން ރައީސް ޑޮކްޓަރު މުޙައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައި އެވެ.
ރަސްމާލޭގައި ތަރަައްޤީ ކުރާ ސަރަހައްދުގައި ހިނގާނީ އިސްލާމީ ޝަރީއަތް ކަަމަށާއި، އިސްލާމްދީނާ ޚިލާފު އެއްވެސް ކަމެއް އެ ތަނުގައި ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައި އެވެ. އަދި އެ ސަރަހައްދުގައި ވެސް ހިނގާނީ ރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތައް ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓްގެ ބިލާ އެކު، އެކަން ޤާނޫނުގައި ބަޔާން ކުރެވި، ތަންފީޒު ކުރުމަށް ފަސޭހަވެގެން ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް