ކޮޕް31 ގެ ތައްޔާރީ ބައްދަލުވުން ތަކުގައި ރާއްޖެ އިން ބައިވެރި ވެއްޖެ
ލިޔުންތެރިޔާ
މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތަކުގެ ތައްޔާރީ ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ މަންދޫބުން.
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތަކުގެ ތައްޔާރީ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ފަންނީ ވަފުދުން ބައިވެރިވެއްޖެ އެވެ.
މި ބައްދަލުވުމަކީ ކުރިއަށް އޮތް އދ.ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގެ މަޝްވަރާ ތަކަށް ތައްޔާރުވުމުގެ ގޮތުން، ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގުޅިގެން ބާއްވާ ޚާއްސަ ތައްޔާރީ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައި ވަނީ މޫސުމީ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ހަރަކާތްތެރިވާ އެންވަޔަރަމަންޓް މިނިސްޓްރީގެ މަންދޫބުންނެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ކުދި ޖަޒީރާ ޤައުމު ތަކުގެ ކަންބޮޑުވުންތަކާއި، އެ ޤައުމު ތަކުން ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރާނެ މުހިންމު ދާއިރާތައް ކަނޑައަޅައި، އެއްބަސްވުން ތަކަކަށް ވާސިލުވުމެވެ.
ޚާއްސަކޮށް، މޫސުމީ ވިލުންތެރިކަން އިތުރު ކުރުމަށާއި، ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ސިޑްސްގެ ޤައުމު ތަކުގެ އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެ އެވެ.
ރާއްޖެ އަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއް ޤައުމަށް ވުމާއެކު، ބައިނަލްއަޤުވާމީ މިފަދަ މަޝްވަރާތަކުގައި ރާއްޖެ އިން އަބަދު ވެސް އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ.
އެގޮތުން، ކޮޕް31 އަށް އަމާޒު ކޮށްގެން އަންތާލިޔާގައި ކުރިއަށްދާ މި ބައްދަލުވުމުގައި ވެސް، ކުދި ޖަޒީރާ ޤައުމު ތަކުގެ ޙައްޤުތައް ހިމާޔަތް ކުރުމަށާއި، މޫސުމީ އަދުލުވެރިކަން ޤާއިމު ކުރުމަށް ދިވެހި ވަފުދުން ވަކާލާތު ކުރަމުންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް