ހައްޔަރުގައި ހުރި ޝާހިދު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްލައިފި
ލިޔުންތެރިޔާ
އެމްޑީޕީގެ ކޮންގްރެސްގައި ޝާހިދު ވާހަކަ ދައްކަވަނީ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޝާހިދު ހައްޔަރު ކޮށްފައި ވަނީ ނޮވެމްބަރު 2 ވީ ހޯމަ ދުވަހުގެ ރޭ އެވެ. އެއަށް ފަހު ފުލުހުން ބުނީ ޝާހިދު ހައްޔަރު ކުރީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެވެ. އެ މައްސަލައިގައި ޖެހިގެން އައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝާހިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
ނަމަވެސް، އެ މައްސަލައިގައި އެމްޑީޕީ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. އެހެން ނަމަވެސް، އާދީއްތަ ދުވަހުގެ ވަގުތެއްގައި ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްލައިފަ އެވެ. އޭނާ ގުރޫޕުން ބޭރުކޮށްލި ސަބަބާ ގުޅޭ ގޮތުން ވެސް އެމްޑީޕީ އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. ޝާހިދު އަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
ފުލުހުން ޝާހިދު ހައްޔަރު ކުރުމުގެ ކުޑަ ވަގުތު ކޮޅެެއް ކުރިން އޭނާ ވަނީ އެކްސް އެކައުންޓުގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަ ތަކެއް ކަަމަށް ވިދާޅުވެފައި އެވެ.
ޝާހިދު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްވަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އޭނާ ފޮރިން މިނިސްޓަރުކަން ކުރެއްވި މުއްދަތުގައި ޝާހިދު ވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އޭގެ ކުރިން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ވެސް ޝާހިދު ވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ.
އެމްޑީޕީގެ ވެރިކަމަށް ފަހު ޝާހިދު ވަނީ، އެ ޕާޓީގެ ރައީސްގެ މަޤާމު ވެސް އަދާ ކުރައްވައިފަ އެވެ. އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. ޝާހިދު އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް