މުވައްޒަފުން ތިބީ ބޭނުންވާ މިންވަރަށްތޯ ބެލުމަށް އޮޑިޓެއް ހެދުމަށް ވިސްނަން: ފިނޭންސް މިނިސްޓަރު
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު ޒަރީރު ވާހަކަ ދައްކަވަނީ.
ސަރުކާރުގެ އިދާރާ ތަކުގައި މުވައްޒަފުން ތިބީ ބޭނުންވާ މިންވަރަށްތޯ ބެލުމަށްޓަކައި، އޮޑިޓެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަރީރު މިހެން ވިދާޅުވީ ހޯމަ ދުވަހު އޮތް ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގެން، މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ޒަރީރު ވަނީ، ޚަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުން ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައި އެވެ.
އެގޮތުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އަންނަ އަހަރު ސަރުކާރުގެ އިދާރާ ތަކުގައި އައު މަޤާމުތައް ނުއުފެއްދުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަންގަވާފައިވާ ކަމަށެވެ. އަދި ކޮންމެހެން ބޭނުންވާ މަޤާމުތަކަށް ނޫނީ މުވައްޒަފުން ވަޒީފާ އަށް ނުނެގުމަށް ވެސް ރައީސް އަންގަވާފައިވާ ކަމަށް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި، ޕޭ ކޮމިޝަން ގުޅިގެން ސަރުކާރުގެ އިދާރާ ތަކުގެ އެޗްއާރު އޮޑިޓެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. އެ އޮޑިޓުގެ މަޤުސަދަކީ އެންމެ ބޭނުންވާ ތަންތަނަށް މުވައްޒަފުން އެލޮކޭޓު ކުރުން ކަަމަށާއި، ބޭނުންވާ މިންވަރަށް ވުރެ ގިނަ ނަމަ، މުވައްޒަފުން ބޭނުންވާ ތަންތަނަށް ބަދަލު ކުރުން ކަމަށް ވެސް މިނިސްޓަރު ތަފްސީލު ކޮށްދެއްވި އެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެއީ ބައެއް ކުންފުނި ތަކުގައި ބޭނުންވާ މިންވަރަށް ވުރެ ވެސް އިތުރަށް މުވައްޒަފުން ނަގާފައި ތިބުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް