މިއަހަރުގެ ރިވެލި އެވޯޑު 9 ފަރާތަކަށް ދީފި
ލިޔުންތެރިޔާ
ރިވެލި އެވޯޑު ހޯދި ބައިވެރިންނާ އެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން.
މިއަހަރުގެ ރިވެލި އެވޯޑު 9 ފަރާތަކަށް ދީފި އެވެ.
މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދަމުން އަންނަ ކާމިޔާބީތަކާއި ކުރިއެރުން ފާހަގަ ކުރުމަށާއި، އެ ފަރާތްތަކުގެ ޙައްގުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.
ބާސެލޯ ނަސަންދުރައިގައި އާދީއްތަ ދުވަހުގެ ރޭ އޮތް ރިވެލި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ 9 ފަރާތަކަށް އެވޯޑު ހަވާލުކޮށްދެއްވައިފަ އެވެ.
މިފަހަރުގެ ރިވެލި އެވޯޑު ދިން 8 ފަރާތް:
މުޙއްމަދު ނާހިލް ސަލާމް (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
އަލީ ސަލީމް (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
އާއިޝަތު ޝަފީޤު (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
ޢަބްދުއް ރައްޒާޤު ޢަބްދުއް ޞަމަދު (އެކި ގޮތް ގޮތުން ދިވެހިރާއްޖެ އަށް ރީތި ނަން އަދި ކާމިޔާބު ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
ފާތިމަތި މުޙައްމަދު (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ދެމުން އަންނަ ދާއިރާ)
އަމީނިއްޔާ ސްކޫލު (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ (ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުމަށް އެހީވެދޭ ދާއިރާ)
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުމަށް އެހީވެދޭ ދާއިރާ)
މީގެ އިތުރުން އެ ޖަލްސާގައި ވަނީ ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ހޯދި ކާމިޔާބީ ވެސް ފާހަގަކޮށްފައި އެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާ އިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ އިސްމާއީލް ރާހިލްގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަަކަށް އެހީތެރިކަން ދެމުން އަންނަ އެކި އެކި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިފަދަ އެވޯޑެއް ދެމުން އަންނަނީ ވަރަށް މަތިވެރި މަޤުސަދެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް