އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް
ލިޔުންތެރިޔާ
ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް.
މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް އަރާފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުގައި ބުނެފައި ވަނީ، މި ހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަަަލަށް ރާއްޖެ އައިސްފައި ވަނީ 1.81 މިލިއަން ފަތުރުވެރިން ކަމަށެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.87 މިލިއަން ފަތުރުވެރިންނެވެ. އެހެންކަމުން، މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މި މުއްދަތުގައި އައޮި ފަތުރުވެރިންގެ އަދަދު މި ވަނީ މަދުވެފައި އެވެ. ފަތުރުވެރިންގެ އަދަދު މަދުވި ސަބަބަކީ، މިއަހަރުގެ ފެބްރުވަރީ މަހުގެ ފަހު ކޮޅު މެދު އިރުމަތީގައި ފެށުނު ހަނގުރާމަ އެވެ. އެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް އައި ފްލައިޓު ތަކުގެ އަދަދު މަދުވެފައި ވަނީ، ގިނަ ފްލައިޓުތަކެއް ކެންސަލް ވުމުގެ ސަބަބުންނެވެ.
އެއާއެކު ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރުން އަންނަނީ ފަތުރުވެރިކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެ އަށް އިތުރު ފްލައިޓުތައް ގެނައުމަށް އެއާލައިންތަކާ އެކު ސަރުކާރުން މަޝްވަރާ ކޮށްފައިވެ އެވެ. ސަރުކާރުން އަންދާޒާ ކޮށްފައި ވަނީ، މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަށް ވުރެ، މިއަހަރު ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއަހަރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޗައިނާ އިންނެވެ. އެ ޤައުމުން ވަނީ މިހާތަނަށް 333،864 ފަތުރުވެރިން ޒިޔާރަތް ކޮށްފައި އެވެ. ދެ ވަނައިގައި އޮތް ރަޝިޔާ އިން ވަނީ 269،695 ފަތުރުވެރިން ޒިޔާރަތް ކޮށްފައި އެވެ. ތިން ވަަނައިގައި އިނގިރޭސިވިލާތް އޮތީ 138،039 ފަތުރުވެރިން ޒިޔާރަތް ކޮށްގެންނެވެ. ހަތަރު ވަަނައިގައި އޮތް ޖަރުމަނުން 122،152 ފަތުރުވެރިން އައިސްފައިވާއިރު، ފަސް ވަަނައިގައި އޮތް އިޓަލީ އިން އައިސްފައި ވަނީ 106،941 ފަތުރުވެރިންނެވެ.
ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން ގިނަ މީހުން އައިސްފައި ވަނީ ރިސޯޓުތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް