ފުލުހުންގެ އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް ފަށައިފި
ލިޔުންތެރިޔާ
އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އަދި އިސްކަންދޭ ދާއިރާ ތަކާއި، އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒު ކޮށްގެން ބާއްވާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް 2026"މިއަދު ފަށައިފި އެވެ.
ނޮވެމްބަރު 8 އިން 10 އަށް އިސްކަންދަރު ކޮށީގައި ކުރިއަށްދާ މި ތިން ދުވަހުގެ ކޮންފަރެންސް އަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އަދި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސާވިސަސް ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.
މީގެ އިތުރުން މި ކޮންފަރެންސަކީ ހޯމް މިނިސްޓަރު އަލީ އިޙްސާން އަދި ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ކޮންފެރެންސެއް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. މި ކޮންފަރެންސްގައި އިލްމީ ހޯދުންތަކާއި، ދިރާސާތަކާއި އަދި ފުލުހުންގެ އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އެކަށައެޅިގެން ދާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން، ފަންނީ ދިރާސާ ތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ އެވެ.
މި މަޝްވަރާތަކުގެ ތެރެއިން، މުއައްސަސާގެ އިސްކަން ދޭންޖެހޭ ދާއިރާތައް ދެނެގަނެވި، ސާފު ލަނޑު ދަނޑި ތަކެއް ކަނޑައެޅި، ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ވަކިވަކި ޒިންމާތައް ތަރުތީބުކޮށް ކަނޑައެޅިގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް