އެކްސްޕޯ އަށް ލިބުނު ތަރުހީބު ބޮޑު، މަޤުސަދު ވެސް ހާސިލުވެއްޖެ: މިނިސްޓަރު ޤީލާ
ލިޔުންތެރިޔާ
ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި މިނިސްޓަރު ޤީލާ އަލީ.
ހެލްތު އެންޑް ފެމިލީ އެކްސްޕޯ އަށް އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑު ކަމަށާއި، އެކްސްޕޯ ބޭއްވުމުގެ މަޤުސަދު ވެސް ހާސިލުވެއްޖެ ކަމަށް ހެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ހެލްތު އެންޑް ފެމިލީ އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ހޮނިހިރު ދުވަހުގެ ރޭގެ ނިޔަަލަށެވެ. އެކްސްޕޯގެ ތެރެއިން ވަނީ ތަފާތު އެކި އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައި އެވެ.
ދަައުލަތުގެ މީޑިއާ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ޤީލާ ވިދާޅުވީ، އެކްސްޕޯ އަށް އާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ކުރިއަށް ގެންދިޔަ އެކްސްޕޯތަކާާ އަޅާބަލާއިރު، މިއަހަރުގެ އެކްސްޕޯ އަށް ލިބުނު ތަރުހީބު ބޮޑު ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރަށް ވުރެ މިއަހަރުގެ އެކްސްޕޯގެ ފެންވަރު ވެސް ރަނގަޅު ކަމަށެވެ. އެގޮތުން އެކްސްޕޯގައި ހުރި ސްޓޯލްތަކާއި، ސްޓޯލްތަކުގެ ފެންވަރު، އަދި ބައިވެރިންނަށް ލިބުނު ޕްރޮމޯޝަން ވެސް ބޮޑު ކަމަށް މިނިސްޓަރު ޤީލާ ވިދާޅުވި އެވެ. އެހެންކަމުން، މިފަހަރުގެ އެކްސްޕޯ އަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އެކްސްޕޯއެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެކްސްޕޯގެ ތެރެއިން ކުރިއަށް ދިޔަ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޤީލާ ވިދާޅުވީ، އެކްސްޕޯގެ ތެރެއިން ޞިއްޙީ މައުލޫމާތު ވަރަށް ފުރިހަމަ އަށް ލިބިގެން ދިޔަ ކަމަށެވެ. އަދި ޞިއްޙީ ޚިދުމަތްތައް ހޯދާއިރު ކުރަން ޖެހޭ ކަންކަމާއި، ފުރިހަމަ ކުރަން ޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ވަރަށް ފުރިހަމަ އަށް ލިބިގެން ދިޔަ ކަމަށް މިނިސްޓަރު ޤީލާ ވަނީ ވިދާޅުވެފައި އެވެ. އެއާއެކު މިނިސްޓަރު ފާހަގަ ކުރެއްވީ، މިއީ އާންމުންނަށް ހޭލުންތެރިކަން ވެސް ލިބިގެން ދިޔަ އެކްސްޕޯއެއް ކަމަށެވެ.
މިފަހަރުގެ އެކްސްޕޯ އިން ލިބުނު ތަޖުރިބާާ އާއި، ފާހަގަ ކުރެވުނު ކަންކަމަށް ބެލުމަށް ފަހު، ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަންވީ ކަންތައްތައް ފާހަގަ ކުރެވުނު ކަމަށް ވެސް މިނިސްޓަރު ޤީލާ ވަނީ ވިދާޅުވެފައި އެވެ. އެހެންކަމުން ދެން ބާއްވާ އެކްސްޕޯ ވެގެން ދާނީ، މިފަހަރުގެ އެކްސްޕޯ އަށް ވުރެ ވެސް ކާމިޔާބު އެކްސްޕޯ އަކަށް ކަމަށް މިނިސްޓަރު ޤީލާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް