Article Top
ޚަބަރު •

މަސްވެރިން ބާނާ މަހުގެ ފެންވަރު ހިފެހެއްޓުމަށް ބޭނުންވާ ވަސީލަތް ތަރައްޤީ ކުރުމަކީ މުހިންމު ކަމެއް: މިނިސްޓަރު ޝިޔާމް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މަސްވެރިން ބާނާ މަހުގެ ފެންވަރު ހިފެހެއްޓުމަށް ބޭނުންވާ ވަސީލަތް ތަރައްޤީ ކުރުމަކީ މުހިންމު ކަމެއް: މިނިސްޓަރު ޝިޔާމް

"ސެވަންތް ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.

ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސާންޔާގައި ބޭއްވި "ސެވަންތް ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންފި އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ވަނީ "ޝެއާޑް ކޮމިޓްމަންޓްސް އެންޑް ކަލެކްޓިވް އެކްޝަން: އެން އޯޝަން އޮފް އޮޕޮޗޫނިޓީސް ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" ނުވަތަ ކުދި ޖަޒީރާ ޤައުމު ތަކަށް ކަނޑު ތަކުން ހުރި ފުރުސަތުތަކާ ގުޅޭ މައުޟޫ އަށް ތަޤުރީރު ކުރައްވާފައި އެވެ.

މިނިސްޓަރު ޝިޔާމްގެ ވާހަކައިގައި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި، ކަނޑު ތަކުގެ ސައިންޓިފިކް ދިރާސާތައް ކުރުމާއި، މޫސުމީ ބަދަލު ތަކަށް ކެތްތެރިވުމުގެ ޤާބިލުކަން އިތުރު ކުރުމުގެ އިތުރުން، އިންސާފުވެރިކަމާއެކު ކަނޑުތަކުގެ ވަސީލަތްތައް ބެލެހެއްޓުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުން މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ވިޔަފާރި ވަރުގަދަކޮށް، ރަށް ރަށުގެ ދިރިއުޅުން ބައިނަލްއަޤުވާމީ ބާޒާރުތަކާ ގުޅުވައި ދިނުމަށް ލިބޭ ފުރުސަތު ތަކުގެ މައްޗަށް ވެސް މިނިސްޓަރު ޝިޔާމް އަލިއަޅުއްވާލެއްވި އެވެ.

ޤައުމު ތަކުގެ ވެރިން ވެވަޑައިގަންނަވާ އިޤުރާރު ތަކަކީ އަމަލީ ނަތީޖާ ފެންނަ ކަންތައްތަކަކަށް ހަދަންޖެހޭ ކަމަށް ފާހަގަ ކުރައްވަމުން، މަސްވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، ބާނާ މަހުގެ ފެންވަރު ހިފެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މުހިންމުކަން މިނިސްޓަރު ޝިޔާމް ފާހަގަ ކުރެއްވި އެވެ. އަދި ސައިންޓިފިކް ދިރާސާތައް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ޒުވާން ދިރާސާވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިންނާއެކު އޮންނަ ގުޅުންތައް ބަދަހި ކުރުމަށާއި، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމުގެ އިތުރުން، ރަށްރަށުގެ މުޖުތަމައު ތަކަށް މަންފާ ކުރާނެ ފަދަ ދެމެހެއްޓެނިވި "އޯޝަން އިކޮނޮމީ" އެއް ނުވަތަ ކަނޑުގެ އިޤްތިސާދެއް ކުރިއެރުވުމަށް ދިވެހިރާއްޖެ އިން ދޭ ސަމާލުކަން މިނިސްޓަރު ޝިޔާމް ވަނީ ތަކުރާރު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް