Article Top
ޚަބަރު •

ތަށީގެ ވާހަކައެއް ނޫން، ކޯޗު ދައްކަނީ އަނިޔާގެ ސަބަބުން މުބާރަތް ގެއްލޭ ކުޅުންތެރިންގެ ވާހަކަ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ތަށީގެ ވާހަކައެއް ނޫން، ކޯޗު ދައްކަނީ އަނިޔާގެ ސަބަބުން މުބާރަތް ގެއްލޭ ކުޅުންތެރިންގެ ވާހަކަ

ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ -- ފޮޓޯ/ އެފްއޭއެމް

މިހާރު ކުރިއަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި މާދަމާ ދެ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައިވާ ރާއްޖެއިން ފުރަތަމަ މެޗަށް ނިކުންނަން ޖެހޭއިރު، ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ރާއްޖެއަކީ މިއަހަރުގެ މުބާރާތުގެ ފެވަރިޓެއް ނޫންކަމަށް ބުނެފިއެވެ.

މާދަމާ ޕާކިސްތާނާ ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އުރުބާނީ ބުނީ އޭނާ އަކީ ރާއްޖޭގެ ޓީމު ގޮވައިގެން ތިން ފަހަރެއްގެ މަތިން ސާފު ޗެމްޕިއަންޝިޕަށް ނިކުތް ކޯޗެއްކަމަށްވާތީ އެ މުބާރާތުގައި އޭނާއަކީ ތަޖުރިބާކާރު ކޯޗެއް ކަމަށެވެ.

މީގެކުރިން ރާއްޖެއިން ސާފު ޗެމްޕިއަންޝިޕަށް ނިކުމެފައިވަނީ އެހެން ގައުމުތައް ޖެހުލުންވާފަދަ ވަރުގަދަ ސްކޮޑަކާއެކުކަމަށާއި، މީގެ ކުރިން ރާއްޖެއަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެން ގަބޫލުކުރާ ޓީމުކަމަށް ވެސް އުރުބާނީ ބުންޏެވެ.

ނަމަވެސް މިއަހަރުގެ މުބާރާތަށް ރާއްޖެ ނިކުމެފައިވަނީ ސާފު ޗެމްޕިއަންޝިޕަށް އައު ކުޅުންތްތެރިންކަކާ އެކުކަމަށާއި، އެ ޓީމަށް މުހުންމު ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ނުކުޅެވޭކަމަށް ވެސް ކޯޗު ފާހަގަކުރިއެވެ.

ރާއްޖެ ހިމެނިފައިވާ ގްރޫޕް ބީގައި ހިމެނޭ އިންޑިއާއިން ޕާކިސްތާނު 3-2 އިން ބަލިކުރުމާ ގުޅިގެން އުރުބާނީ ބުނީ ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް ދެ ޓީމުގެ ކުޅުން މި ވަގުތު ފެނިފައި އޮތް ނަމަވެސް އެއީ އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

ކޮންމެ މެޗަކީ ވެސް އާ ޗެލެންޖެއް ކަމަށާއި ރާއްޖެ އަށް މި ފަހަރުގެ މުބާރާތުގައި ގިނަ ކަންތައްތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އުރްބާނީ ބުންޏެވެ.

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެގެ ފުރަތަމަ މެޗުގައި އެ ޓީމުން މާދަމާ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. މުބާރާތުގައި ކުރިއަށް ދިއުމަށް ޕާކިސްތާނަށް ރާއްޖެ ބަލިކުރުން މަޖުބޫރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް