Article Top
ކުޅިވަރު •

ހޮންގް ކޮންގް އަތުން ފުޓްސަލް ޓީމަށް ރެކޯޑް މޮޅެއް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ހޮންގް ކޮންގް އަތުން ފުޓްސަލް ޓީމަށް ރެކޯޑް މޮޅެއް

ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަން އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖެއާއި ސައުތު ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން ---

ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އެ ޤައުމުގައި ބާއްވާ ބައިނަލްއަޤްވާމީ ފުޓްސަލް މުބާރާތުގައި، 0-7 ގެ ބޮޑު ނަތީޖާއަކުން ހޮންކޮންގް ބަލިކޮށް ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ތާރީޚުގައި މިހާތަނަށް މެޗަކުން މިހާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ފުރަތަމަ ފަހަރުގެ އިތުރުން، މި މުބާރާތުގައި ޓީމަކުން ނެރުނު އެންމެ ފާހަގަކޮށްލެވޭ ނަތީޖާއެވެ.

މެޗުގެ ފުރަތަމަ ހާފު ރާއްޖެއިން ނިންމާލީ 0-3 އިން ކުރީގައި އޮވެގެންނެވެ. ރާއްޖޭގެ ފުރަތަމަ ލަނޑަކީ ހޮންކޮންގުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން އިޝާން އިބްރާހީމް (ސައްޓު) ރާއްޖޭގެ ލީޑު ފުޅާކޮށްދިންއިރު، ތިންވަނަ ގޯލު ޖަހައިދިނީ އަލަށް ޤައުމީ ޓީމުން ޖާގަ ހޯދި ޝަނާން ރަޝާދެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މި ހާފުގައި މުޙައްމަދު ސާދު ނިޒާރު ދެ ލަނޑު ޖެހިއިރު، ޝަނާން އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. އަދި ރާއްޖޭގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސައްޓުއެވެ.

ދުނިޔޭގެ ރޭންކިންގެ 99 ވަނައިގައި އޮތް ރާއްޖެ، މުބާރާތުގެ ފުރަތަމަ މެޗުގައި 69 ވަނައިގައި އޮތް ދެކުނު ކޮރެއާ އަތުން 1-5 އިން ބަލިވި ނަމަވެސް، ރޭންކިންގެ 118 ވަނައިގައި އޮތް ހޮންކޮންގް އަތުން ހޯދި މި ތާރީޚީ މޮޅާއެކު ޓީމުގެ ކުޅުންތެރިންގެ އިތުބާރާއި ހިތްވަރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ރޭންކިންގެ 84 ވަނައިގައި އޮތް، މުބާރާތް ބާއްވާ ޗައިނާއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް