Article Top
ޚަބަރު •

ފުލުހުންގެ އޮފިސަރުންނަށް މުއާމަލާތް ކުރުމުގެ ހުނަރާ ގުޅޭ ވޯކްޝޮޕެއް ބާއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފުލުހުންގެ އޮފިސަރުންނަށް މުއާމަލާތް ކުރުމުގެ ހުނަރާ ގުޅޭ ވޯކްޝޮޕެއް ބާއްވައިފި

ފުލުހުންގެ އޮފިސަރުންނަށް މުއާމަލާތް ކުރުމުގެ ހުނަރާ ގުޅޭ ވޯކްޝޮޕްގެ ތެރެއިން.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނަށް އަމާޒު ކޮށްގެން، ވާހަކަ ދެއްކުމުގެ ހުނަރާއި މީޑިއާއާ މުއާމަލާތް ކުރުމުގެ ގާބިލުކަން އިތުރު ކުރުމަށް "އިންފޯކަސް: ޕޮލިސް ކޮމިއުނިކޭޝަން" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

ބުރާސްފަތި ދުވަހު އިސްކަންދަރު ބިލްޑިންގެ މަލްޓިޕާޕަސް ހޯލުގައި ޕޮލިސް މީޑިއާ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ފުލުހުން ނޫސްވެރިންނާއި، އާންމު ރައްޔިތުންނާ މުއާމަލާތް ކުރުމުގައި ފަންނުވެރިކަން ތަރައްގީ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެއް ކަަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފު (މުންދު) އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު އާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ ފުރަތަމަ ސެޝަންގައި އަލިއަޅުވާލާފައި ވަނީ ޕަބްލިކް ސްޕީކިން ހުނަރުތަކާއި، ނޫސްވެރިންގެ ބައްދަލުވުން ތަކަށް ތައްޔާރުވުމުގެ މައްޗަށެވެ. އެގޮތުން ޕަބްލިކް ސްޕީކިން ސެޝަން ނަންގަވައި ދެއްވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަކީބު އެވެ.

މި ސެޝަންގައި އާންމުންނާ މުޚާތަބުކުރާއިރު ސާފުކޮށް އަދި އިތުބާރާއެކު މުއާމަލާތް ކުރުމަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދެވުނެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު ޖިނާޙު އެވެ. މި ސެޝަންތައް ނަންގަވައި ދެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ވަނީ ހަނދާނީ ފިލާ އަރުވާފައި އެވެ.

ވޯކްޝޮޕްގެ މެންދުރު ފަހުގެ ދަންފަޅި ހާއްސަ ކޮށްފައި ވަނީ ފުލުހުންގެ މީޑިއާ ޕޮލިސީ އާއި ޕްރެސް ބްރީފިންތައް ދިނުމުގެ އަމަލީ ތަޖުރިބާ އަށެވެ. މި ސެޝަންތައް ނަންގަވައި ދެއްވީ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް އެންޑް ކޮންޓެންޓް ޓީމް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ޙުސައިން ފިރާޒްގެ އިތުރުން ޕޮލިސް މީޑިއާ ޓީމުގެ މެމްބަރުންނެވެ.

މި ބައިގައި ފުލުހުންގެ މީޑިއާ ޕޮލިސީއާ އެއްގޮތަށް އަމަލު ކުރުމުގެ މުހިންމުކަމާއި، މީޑިއާ އަށް ތެދު މައުލޫމާތު އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމާއި، އާންމުންގެ ސަމާލުކަން ލިބޭ ފަދަ ހާދިސާތަކުގައި މުއާމަލާތް ކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. މީގެ އިތުރުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވުމާއި، ޕްރެސް ބްރީފިންތަކަށް ތައްޔާރުވެ އަމަލީ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް