Article Top
ޚަބަރު •

ފޮނަދޫގައި ދިދަ ނެގުމާއެކު، މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފޮނަދޫގައި ދިދަ ނެގުމާއެކު، މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް

ފޮނަދޫގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވުމަށް ސްޓެލްކޯ އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވާފައި ވަނީ ފެނަކަ ކުންފުނި އުވާލުމަށް ފަހު، އެ ކުންފުނިން ދެމުން އައި ހުރިހާ ޚިދުމަތެއް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށެވެ. އެއީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ނިންމެވި ނިންމުމެކެވެ.

އެއާއެކު ސްޓެލްކޯ އިން ވަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދެމުން އައި ކަރަންޓުގެ ޚިދުމަތާ ހަވާލުވުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން މިހާރު ސްޓެލްކޯ އިން ވަނީ، ފެނަކަ އިން މީގެ ކުރިން ކަރަންޓުގެ ޚިދުމަތް ދެމުން އައި ހުރިހާ ރަށްތަކާ ރަސްމީކޮށް ހަވާލުވެފައި އެވެ.

އެގޮތުން އެންމެ ފަހުން ސްޓެލްކޯ އިން ހަވާލުވެފައި ވަނީ، ލ.ފޮނަދޫގެ ކަރަންޓުގެ ޚިދުމަތާ އެވެ. އެކަމަށްޓަކައި ބުރާސްފަތި ދުވަހު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ދިދަ ނެގުމާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ސްޓެލްކޯ އިންނެވެ.

ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު ޢަލީ އަޒުވަރު އެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވީ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަޙްމަދު ޝަރުނީޒް އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޒުވަރު ގިނަ ރަށް ތަކަކަށް ދަތުރު ކުރައްވާފައިވާއިރު، އެ ދަތުރުތަކުގައި ވަނީ ރަށް ރަށުގެ އިންޖީނުގެ ތަކުގެ ޙާލަތު ބައްލަވައި، އެ ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ސްޓެލްކޯގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ދިނުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް