އިންސާނާގެ ނަފުސަކީ އަމާނާތެއް، ހިތް އެދޭހާ ގޮތަކަށް އެ އަމާނާތް ނަގާލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނެތް: ހުކުރު ޚުޠުބާ
ލިޔުންތެރިޔާ
ހުކުރު ނަމާދެއްގެ ތެރެއިން.
އިންސާނާގެ ނަފުސަކީ އަމާނާތެއް، ހިތް އެދޭހާ ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނެތް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
ޚުޠުބާގައި ބުނީ ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވައިފައިވާ މަތިވެރި ނިއުމަތެއް ކަމަށެވެ. އަދި އެއްވެސް އިޚުތިޔާރަކާ ނުލައި، ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި އަބަދު ވެސް ހިނގަހިނގާ ހުންނަ ކަމަށެވެ. އެކަމުގެ އަގު ވަޒަންކުރެވެނީ، އެއިން ކަމަކަށް ބުރޫ އަރައި، ނުވަތަ އުނިކަމެއް އައުމުން ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައި އެވެ.
މީގެ އިތުރުން އިންސާނާގެ ނަފުސަކީ މާތް ﷲ ހަވާލު ކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަަމަށާއި، ހިތް އެދޭހާ ގޮތަކަށް އެ އަމާނާތް ނަގާލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ވަނީ ބުނެފައި އެވެ.
"އަދި، ތިޔަބައިމީހުންގެ އަމިއްލަ نفسތައް ތިޔަބައި މީހުން قتلނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ނުހަނު އޯގާވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.
ޚުޠުބާގައި ބުނީ މާތް ﷲ ދުޅަހެޔޮކަމުގެ ނިއުމަތް ދެއްވުމަށް ފަހު، އެ ނިއުމަތާ މެދު ރައްކާތެރިވުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ގަސްދުގައި ހަށިގަނޑަށް ގެއްލުން ދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ވަނީ ފާހަގަކޮށްފައި އެވެ.
މީގެ އިތުރުން މިއަދު ލިބިފައިވާ ބާރާއި ޒުވާން ކަމަކީ އަބަދު ދެމި އޮންނާނޭ ކަމެއް ނޫން ކަމަށާއި، ހަށިގަނޑުގެ ބާރު ދެރަވެ އެހެން މީހުންގެ އެހީ އަށް ބޭނުންވާނޭ ދުވަހެއް އަންނާނެ ކަަމަށް ހަނދާން ކޮށްދީފައިވެ އެވެ. އަދި ޞިއްޙަތު ރައްކާތެރިކުރުމަކީ ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާ އަކަށް ލިބިގެން ނުވާ ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެ އެވެ.
އަދި ހަމައެހެންމެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވުން ނޫން ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި އެއީ މާތް ﷲއަށް ކުއްތަންވުމަށާއި، ހެޔޮ އަމަލު ކުރުމަށް ދެއްވާފައިވާ އަމާނާތެއް ކަމަށާއި، ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގާފައި ދިޔުމާއި، މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލި މީހުންނަށް ގޮވާލާން ދިޔުމާއި، ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތަކީ، މާދަމާ ގެއްލި ހިނގައި ދާނޭ އަގުހުރި ފުރުޞަތު ތަކެއް ކަމަށް ވެސް ހަނދާންކޮށްދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް