އެފޯޑަބަލް ހައުސިންގެ ތެރެއިން ހުޅުމާލޭ ފޭސް އެކެއްގައި އަޅާ ފްލެޓުތަކުގެ ކޮންކްރީޓު މަސައްކަތް ފަށައިފި
ލިޔުންތެރިޔާ
ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތް ކުރާ ފްލެޓު ތަކުގެ ކޮންކްރީޓުގެ މަސައްކަތް ފެށުމުގެ ތެރެއިން.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ތެރެއިން، ހުޅުމާލޭ ފޭސް އެއްކަގައި އިމާރާތް ކުރާ ފްލެޓުތަކުގެ ކޮންކްރީޓު މަސައްކަތް ފަށައިފި އެވެ.
މި ފްލެޓުތަކުގެ ކޮންކްރީޓު މަސައްކަތް ފަށާފައި ވަނީ މިއަދު ހަވީރު، ހުޅުމާލޭ ފޭސް އެކެއްގައި އެވެ. އެގޮތުން ކޮންކްރީޓުގެ މަސައްކަތް ފަށާފައި ވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 360 އެޕާޓްމަންޓުގެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، އެފޯޑަބަލް ހޯމް ލީސިންގެ ދަށުންނެވެ. ބީއެމްއެލް އިން ބުނެފައި ވަނީ މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ފްލެޓުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި އެޕާޓްމަންޓު ތަކުގެ ބިންގާ އަޅާފައި ވަނީ މިއަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު މީޑީއާތަކާ ވާހަކަ ދައްކަވަމުން މަޝްރޫއުގެ ކޮންސަލްޓެންޓް މުޙައްމަދު ޝަރާއު ވިދާޅުވެފައި ވަނީ، މިހާރު ވަނީ 3260 އެޕާޓްމަންޓުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކުރާ ފްލެޓުތަކުގެ ޑިޒައިންގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. މިއަދު ފައުންޑޭޝަންގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، 2028 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަަލަށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫއު ވެގެން ދާނީ، ސަރުކާރެއްގެ 5 އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށައި، އަދި އެ މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އޭގެ ވެރި ފަރާތްތަކާ ހަވާލު ކުރާނެ ފުރަތަމަ މަޝްރޫއަށް ވެގެންދާނެ ކަމަށެވެ.
މި ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި 4260 ހައުސިން ޔުނިޓްގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށް ބިންގާ އަޅައިފައެވެ. އެ މަޝްރޫއުގެ ތެރެއިން ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދެއެވެ.
އެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 ގައި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)އާ ހަވާލުކޮށްގެން 1224 ހައުސިން ޔުނިޓް އަދި ފޭސް 3 ގައި ބެއިންޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ)އާ ހަވާލުކޮށްގެން 1190 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން 364 ހައުސިން ޔުނިޓް އަޅާއިރު އެފް ޑަބްލިއު ކޮންސްޓްރްކްޝަންއިން ފޭސް 1 ގައި 182 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.
އެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީއިން ދަނީ ކުރަމުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގައި 1000 ފްލެޓު އެޅުމަށް ދިވެހި ހަތަރު ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ކޮންމެ ކުންފުންޏަކުން 250 ފްލެޓު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސައްކަތް ހަވާލުކުރި ކުންފުނިތަކަކީ
އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ޖޭވީ ޕާޓްނާޝިޕް - ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޝީދު ކާޕެންޓްރީ އެންްޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިނިޓެޑް
ޖޭވީ ޕާޓްނާޝިޕް - ފްލެކްސިން ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
ސަރުކާރުން އަމާޒު ހިފައިފައިވަނީ 2028 ވަނަ އަހަރުގެ މެދު ތެރެއަށް އެ ހުރިހާ ހައުސިން ޔުނިޓެއްގެ މަސައްކަތް ނިންމުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް