ރައީސް މުއިއްޒުގެ ސިޔާސަތަކީ ގައުމު ދިފާއުކުރަން އެހެން ގައުމަކަށް ބަރޯސާ ނުވުން: މިނިސްޓަރު
ލިޔުންތެރިޔާ
ނަސްރުގެ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ހަސަން ރަޝީދު ވާހަކަދައްކަވަނީ --
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދިފާޢީ ތަޞައްވުރަކީ އެހެން އެއްވެސް ޤައުމަކަށް ބަރޯސާވުމެއް ނެތި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު އަމިއްލަ ބާރުގައި ޙިމާޔަތްކޮށް ރައްކާތެރިކުރުން ކަމުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި އަޖުދާދުން އަޅުގަނޑުމެންނަށް ދައްކަވާފައިވާ މަތިވެރި މިސާލުން ފިލާވަޅު ލިބިގަނެ، ހުރިހާ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތު އެންމެ ކުރިއަށް ނެރެންޖެހޭ ކަމަށެވެ. އަދި ބޭރުގެ އެއްވެސް ނުފޫޒެއްގެ ދަށުގައި ތިބުމުގެ ބަދަލުގައި، ޤައުމު ހިންގަންވާނީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ކަމުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒުގެ ދިފާޢީ އަމާޒަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ބޭރު ބައެއްގެ އެހީތެރިކަމަށް ދޫކޮށްނުލައި، ދިވެހީންގެ އަމިއްލަ ހަކަތައިން ދިފާޢުކޮށް ކަށަވަރުކުރުމެވެ. މީގެއިތުރުން، ދިވެހި އަސްކަރިއްޔާގެ ފެންވަރާއި ޤާބިލުކަން މަތިކުރުމަށް މިހާރު ކުރިއަށްދާ މުހިންމު މަޝްރޫޢުތަކަކީ މި ސިޔާސަތުގެ ދަށުން އެޅެމުންދާ ފިޔަވަޅުތަކެއް ކަމުގައިވެސް ވިދާޅުވިއެވެ.
ނޮވެމްބަރު ތިނެއްގެ ޢުދުވާނުގައި އަދުއްވުންނާ ދެކޮޅަށް ހަނގުރާމަކުރެއްވި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ޤުރުބާނީން މިއަދުގެ ޒުވާން ޖީލު ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ދުވަހު ޤައުމަށްޓަކައި ޖިހާދުކުރެއްވި ބަޠަލުންގެ ހަނދާންތައް އަބަދުމެ ދިރުވައި އާލާކުރަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް