Article Top
ޚަބަރު •

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަސްވެރިކަން.

ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ "އާރުވެރި" މެޗިން ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ސަރުކާރާއި، ވޯލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިން ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާ އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ.

އެ ފަސް ދާއިރާއަކީ:

1. ފިޝިން ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް - މި ފައިނޭންސިން ފަރުމާކޮށްފައި ވަނީ މަސް ދޯނި ފަހަރުގައި ހަކަތަ އަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ނިޒާމުތައް ގާއިމު ކުރުމަށް.

2. ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިން ފަރުމާކޮށްފައި ވަނީ ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅު ރަށް ރަށުގެ އުމުރާނީ ތަރައްޤީ އާއި، މީހުން ދިރިއުޅޭ ރަށް ރަށުގައި ލައިސަންސް ލިބިގެން ހިނގާ ދަނޑުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ނިޒާމްތަކާއި، އުމްރާނީ ތަރައްޤީ ކުރުމަށް.

3. މެރިކަލްޗާ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިން ފަރުމާކޮށްފައި ވަނީ މެރިކަލްޗާ ދާއިރާ އިން އަލަޑް ފަށައި ގަންނަ އަދި މިހާރު ވެސް އެ ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ތަރައްޤީ ކުރުމަށް.

4. ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިން ފަރުމާކޮށްފައި ވަނީ މަހުގެ ބާވަތްތަށް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރު ކުރުމަށް ބާރުވެރިކޮށްދޭ ތަރައްޤީގެ މަޝްރޫއު ހިންގުމަށް.

5. އެސްއެމްއީ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިން ފަރުމާކޮށްފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި އުފެއްދުންތައް އިތުރު ކުރުމާއި، ސިންދަފާތު ކުރުމަށް މަގުފަހިކޮށްދިނުމަށް (މި ފައިނޭންސިންގައި، އަހެނުންނާއި، ޒުވާނުންގެ ވިޔާފާރިތަކަށް ޙާއްސަ ސަމާލުކަމެއް ދެވޭނެ އެވެ.)

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތައް ޕޯޓަލް ( https://aaruveri.fishagriocean.gov.mv/ ) މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ގްރާންޓަށް ކުރިމަތިލުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕޯޓަލްގައި ބަޔާން ކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެ އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނެފައި ވަނީ، 2026 ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ. އަދި އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާ ނަމަ، އެޕްލިކޭޝަން ބާތިލުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާ އެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި، މާލީ ގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ. މި ސްކީމްގެ ދަށުން ހާއްސަ 7 ދާއިރާ އަކަށް އިސްކަންދެވިފައިވާއިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ޚަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައި އެވެ.

މި ސްކީމްގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން، ނަފާވެރި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗާ ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރު ކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ވެސް މި ސްކީމްގެ ދަށުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް