Article Top
ޚަބަރު •

4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ޕްރޮގްރާމް ފަށައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ޕްރޮގްރާމް ފަށައިފި

މެރިން ހެޗަރީ ސްކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ 4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯހުގެ ބައިވެރިން.

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ 4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ފަށައިފި އެވެ.

ކ.މަނިޔަފުށި ޓްރެއިނިން ސެންޓަރުގައި ޖުމްލަ 12 ބައިވެރިންނާއެކު ކުރިއަށްދާ މި ޕްރޮގްރާމް އަކީ 2026 ވަނަ އަހަރު މި ސިލްސިލާގެ ދަށުން ހިންގޭ 4 ވަނަ ކޯހެވެ. ނިމުނު އޮކްޓޫބަރު މަހު 10 އިން 22 އަށް ކުރިއަށް ގެންދިޔަ މި ކޯހުގެ ތިން ވަނަ ޕްރޮގްރާމްގައި ރާއްޖޭގެ އެކި އަތޮޅު ތަކުން 15 ބައިވެރިން ބައިވެރިވި އެވެ.

މި ތަމްރީން ޕްރޮގްރާމް އަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށް ގެންދެވޭ، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި، އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ.

ރާއްޖޭގައި މެރިކަލްޗާ ދާއިރާ ތަރައްޤީ ކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. އަދި މި ދާއިރާ ތަރައްޤީ ކުރުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތް ތަކެއް ފަށާފައި އެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗާގެ (މެރިކަލްޗާގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމު ކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗާ ދާއިރާ އިން މީހުން ބިނާކުރުމެވެ.

ވޯލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީ އިން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެ އެވެ.

އެގޮތުން، އެކުއަކަލްޗާގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާ ކުރުމާއި، ފާނަޔާއި ހުއިފި ލަނޑަޔާއި، ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާ ކުރުމާއި، އާލާ ކުރާ ބާވަތް ތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗާ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާ ގޮތަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފި ލަނޑާ އަދި މާގަނޑުމަސް އާލާ ކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް