ކަނޑު ގެއްލުނު މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަ ތަޙުގީގު ކުރަން ކޮމިޝަނެއް އުފައްދައިފި
ލިޔުންތެރިޔާ
ރައީސް އޮފީހުގައި މީގެ ކުރިން އޮތް ރަސްމިއްޔާތެއްގައި ރައީސް މުޢިއްޒު.
ދިވެހިރާއްޖެ އާއި ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަހައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސް އިން އިޓްލޮސް އަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެ އަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިޚުތިޔާރުގެ ދަށުން ކޮމިޝަނެއް އުފައްދަވައިފި އެވެ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެ އިން އަމަލުކުރި ގޮތް ތަޙުޤީޤު ކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަން" ގެ ނަމުގައި ރައީސް އެ ކޮމިޝަން އުފެއްދެވީ މިއަދު އެވެ.
މި ކޮމިޝަން އުފައްދަވާފައި ވަނީ މޮރިޝަސްގެ ފަރާތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށް ދިޔަ “Dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean (Mauritius/Maldives)” މައްސަލަ ދިރާސާކޮށް ރާއްޖެ އިން ކުރިއަށްދާނޭ ގޮތެއް ހޯދުމަށް އައްޔަން ކުރެވުނު ބައިނަލްއަޤުވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަހައްދެއް ގެއްލިގެން ދިޔައީ، ދިވެހިރާއްޖެ އިން ކަންކުރިގޮ ތުން ކަމުގައި ލަފާ ދެއްވާފައިވާތީ، އަދި މިއީ ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ އަދި ކަނޑު އަޑީގެ ބިމުގެ މުއްސަނދި ކަމަށް ލިބުނު ފޫ ނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށް ވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުންނެވެ.
އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ޢައްޔަން ކުރައްވާފައިވަނީ:
1. އަލްއުސްތާޛު އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ).
2. އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް.
3. ޑރ. އާމިނަތު ޝާފިޔާ އާދަމް.
4. ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު.
5. ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް.
6. އަލްފާޟިލް އަޙްމަދު ޢަލީމަނިކު.
7. އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު.
މި ކޮމިޝަނުގެ ރައީސް ކަމަށް ކަނޑަ އަޅުއްވާފައި ވަނީ އަލްއުސްތާޛް އަޙްމަދު ޝާކިރު (ނދ.ޝ.ޢ) އެވެ.
ކޮމިޝަންގެ މަސްއޫލިއްޔަތު ތަކުގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ:
(ހ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫއު އެގޮތުގައި ހުށަހެޅި ކުރިއަށް ދިޔަ ގޮތުގައްޔާއި، މައްސަލަ އަށް ދިވެހިރާއްޖެ އިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޝާމިލުވި އެންމެހާ މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހާ ފަރާތްތަކުން އަމަލު ކޮށްފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުން.
(ށ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމައަށް އަދި މި މައްސަލައިގެ މައުޟޫއު އެގޮތުގައި ހުށަހެޅި ކުރިއަށް ދިޔަ ގޮތުގައްޔާއި، މައްސަލަ އަށް ދިވެހިރާއްޖެ އިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާ ގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުން.
(ނ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުގެ ޤާނޫނީ އިހުމާލެއްވާ ނަމަ، އެ ކަންކަން ބަލައި، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލުގެ އިންތައް ކަނޑައެޅުން.
(ރ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލައިގައްޔާއި، އެ މައްސަލައިގެ މައުޟޫޢާ ގުޅުންހުރި ވަށައިގެންވި އެންމެހައި ކަންކަމުގައި، ލިޔެކިޔުންތައް ބަލަހައްޓައި، ރައްކައުކުރެވިފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުން.
(ބ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުން.
(ޅ) ކޮމިޝަނުގެ ތަޙުޤީޤަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމުކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން ހުށަހެޅުން.
މި ކޮމިޝަން އަކީ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުމާ ހަމަޔަށް ދެމި އޮންނާނޭ ކޮމިޝަނެއް ކަމުގައި ރައީސްގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާން ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް