Article Top
ޚަބަރު •

ޙައްޖު ކިޔުގައި 3 އަހަރު ވެފައިވާ 70 އަހަރުން މަތީގެ އެންމެނަށް ޙައްޖުގެ ފުރުސަތު ދެނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޙައްޖު ކިޔުގައި 3 އަހަރު ވެފައިވާ 70 އަހަރުން މަތީގެ އެންމެނަށް ޙައްޖުގެ ފުރުސަތު ދެނީ

އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސަޢީދު އާއި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރުޒުލް ޢަބްދުﷲ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިޔު އިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ ރާއްޖެ އަށް ލިބޭ ޙައްޖުގެ ކޯޓާގެ އަދަދަށް ބަލާއިރު، ޙައްޖު ކިޔުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމާއެކު، އަދި ޙައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ޙައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާ އަށް އޮތުމާއެކު، ދޮށީ އުމުރުގެ ވީހާ ވެސް ގިނަ މީހުންނަށް ފަރުޟު ޙައްޖު އަދާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަށެވެ.

Advertisement
Article Inside

މިކަމުގެ ތަފުސީލު ދެއްވަމުން، އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ، މައުޟޫއީ ގޮތެއްގައި އުމުރުށާއި ކިޔު އިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުޞޫލަކުން ތަފާތުކުރުމެއް ނެތި މައުޟޫއީ ގޮތެއްގައި ތަންފީޒު ކުރާނެ އުޞޫލެއްކަން ވެސް ފާހަގަކުރެއްވި އެވެ.

މިކަމުގެ ސަބަބުން ރާއްޖެ އަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާ ވެސް އަވަހަށް ފުރުސަތު ލިބި، ޙައްޖު ކިޔުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެ އެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި ޙައްޖު ކިޔުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.

މި އުސޫލުގެ ދަށުން ޙައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 2023 ޑިސެމްބަރު 31 ގެ ނިޔަލަށް ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބަލާނީ، 2026 ޑިސެމްބަރު 31 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ.

އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ޙައްޖުން ފުރުސަތު ދެވޭނެ އެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންނަށް ފުރުސަތު ދެވޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް