ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާާއާ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ނިޝާނެއް: ރައީސް މުޢިއްޒު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ސިނަމާލެ ބްރިޖަށް އަށް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސް މުޢިއްޒު އެ ސަރަހައްދަށް ވަޑައިގެންނެވުމުގެ ތެރެއިން.
މާލެ އާއި ހުޅުމާލެ ގުޅުވާލާފައިވާ ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ނިޝާނެއް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ، ސިނަމާލެ ބްރިޖު ބޭނުންކުރަން ފެށިތާ އަށް އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ. ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވާފައި ވަނީ މީގެ އަށް އަހަރު ކުރިން، 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ.
ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވީ، އުމްރާނީ ތަރައްޤީގެ މަޝްރޫއަކަަށް ވުރެ ބޮޑަށް، މި ބްރިޖުގެ މަޝްރޫއުން ދައްކުވައި ދެނީ އިތުބާރާއި، ޔަޤީންކަމުގެ އިތުރުން، ދެ ޤައުމުން ގެންގުޅޭ އުންމީދީ ތަސައްވުރުކަން ކަމަށެވެ. އެއާ އެކު ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ މުސްތަޤުބަލަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވަނީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވައިފަ އެވެ. ސިނަމާލެ ބްރިޖަށް އަށް އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، މިއަދު ހެނދުނު ރައީސް މުޢިއްޒު ވަނީ ބްރިޖު ސަރަހައްދަށް ވަޑައިގެންފައި އެވެ. ރައީސް މުޢިއްޒުގެ އަރިހުގައި ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން، ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިންހުއާ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސިނަމާލެ ބްރިޖަކީ ދިގު މިނުގައި 1.30 ކިލޯ މީޓަރު ހުންނަ، އަދި ފުޅާ މިނުގައި 20.3 މީޓަރު ހުންނަ ބްރިޖެކެވެ. ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭން އާއި، ސައިކަލު ދުއްވުމަށް ޚާއްސަ ލޭނެއެއް އޮވެ އެވެ. ޖުމުލަ 300 މިލިއަން އެމެރިކާ ޑޮލަރު މި މަޝްރޫއަށް ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާާރުގެ ހިލޭ އެހީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް