ފުރަތަމަ 11 ގައި ނުކުޅުނަސް އަބަދުވެސް ތައްޔާރަށް ތިބެން ޖެހޭ: ނިއު ކޯޗު
ލިޔުންތެރިޔާ
ނިއުގެ ކޯޗު -- ފޮޓޯ/އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭއިރު، ޓީމުގެ މެންޓަލިޓީ ރަނަގަޅު ކުރަން ޖެހޭ ކަމަށާއި، ކުޅުންތެރިން މެޗަށް ނުކުންނާނީ ތައްޔާރުވެގެން ކަމަށް ނިއު ރޭޑިއަންޓްގެ ކޯޗު ކޯޗު ފްރޭން ކައިންޒޯސް ބުނެފި އެވެ.
އެންމެ ފަހުން ދިއްދޫ ސްޓޭޑިއަމްގައި ދިއްދޫ ސްޕޯޓްސް ކްލަބާ ދެކޮ:ޅަށް ކުޅުނު މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭގައި ދެ ގޯލު ވަދެފައިވަނިކޮށް، ފަހަތުން އަރައި 2-2 އިން އެއްވަރުކުރީ ފަހު ވަގުތު އެވެ.
އެ މެޗުގައި ޓީމުން ދެއްކި ކުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން، މެޗުގެ ކުރީކޮޅު ޓީމު ފެނުނު ކުޅުމާމެދު ކޯޗު ހިތްހަމަނުޖެހުން ހުރިކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.
"އެންމެ ފަހުން ކުޅުނު މެޗާ މެދު އަހަރެން ހިތްހަމައެއް ނުޖެހޭ. މެޗުގެ ފުރަތަމަ 20 ނުވަތަ 25 މިނެޓުގައި ޓީމު ކުޅުނު ގޮތް ކަމަކުނުދޭ،" ކޯޗު ބުންޏެވެ.
"އެކަމަކު އަހަރެމެން ބޭނުންވަނީ ޕޮޒިޓިވް މެންޓަލިޓީއެއް. ވިސްނުން ބަދަލުކުރަން އެބަޖެހޭ. އަހަރެމެންގެ މެންޓަލިޓީ ވާންޖެހޭނީ ވަރުގަދަ މެންޓަލިޓީއަކަށް."
ހާއްސަކޮށް ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވެފައިވުމުން މިއީ ޓީމުގެ ބެންޗުގެ ފެންވަރު ވަޒަންކޮށްލަންލިބޭނެ ފުރުސަތެއް ކަމަށާއި، ކޮންމެ ކުޅުންތެރިއަކީ ވެސް މުހިއްމު ކުޅުންތެރިއެއްކަމާއި އަދި ކޮންމެ ކުޅުންތެރިއަކަށް ވެސް މުހިންމު ޒިންމާތަކެއް ހަވާލުކުރެވިފައިވާ ކަން ކޯޗު ފާހަގަކުރި އެވެ.
"މިހާރު އަހަރެމެންގެ ތިން ހަތަރު ކުޅުންތެރިއަކު އަނިޔާގައި އެބަތިބި. ސިލްވާ ނެތް ނަމަވެސް އަހަރެމެންގެ އެބަތިބި [އިބްރާހިމް] މައިސާން އާއި [އަހުމަދު] ހުސާމް ފަދަ ކުޅުންތެރިން. މިއީ އަހަންނަށް ދެއްކޭނެ ބަހަނާއެއް ނޫން. މިހާރު ގަވާއިދުން ފުރަތަމަ އެގާރައިގައި ނުކުޅޭ ކުޅުންތެރިން ވެސް ތިބެންޖެހޭނީ ކޮންމެ މެޗެއްގައި ވެސް އެއް ފެންވަރެއްގައި ވާދަކުރަން ތައްޔާރަށް،" ކޯޗު ބުންޏެވެ.
"އޮޑިއަކީ އާ ކޯޗަކާއެކު އާ ހާލަތެއްގައި އޮތް މޮޅު ޓީމެއް. މި ލީގުގައި އޮތް ކޮންމެ ޓީމަކީ ވެސް ނުރައްކާތެރި ޓީމެއް، މި ސްޓޭޑިއަމްގައި، އަހަރެމެންނަށް ވަރަށް މުހިންމު ކުރިއަށް އޮތް މެޗުން ތިން ޕޮއިންޓް ހޯދުން."
އޮޑި އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 9:00 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް