Article Top
ޚަބަރު •

އޮށޯވެ އޮވެ ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އޮށޯވެ އޮވެ ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި

މަސްތުގެ ހާލަތުގައި އޮށޯވެ އޮވެ ސައިކަލުދުއްވި ފާރިޒް -- ފޮޓޯ/ ފުލުހުން

ޖުމްލަ 44،000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާއެއް އޮއްވައި، މަސްތުގެ ހާލަތުގައި ސައިކަލުމަތީގައި އޮށޯވެއޮވެ ސައިކަލު ދުއްވި މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުއްޓަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އަޙްމަދު ފާރިޒް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި އެވެ.

Advertisement
Article Inside

މި މައްސަލައިގައި އޭނާ ފުރަތަމަ ހައްޔަރުކުރީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި ސީސީޓީވީ ފޫޓޭޖް ސްނެޕްޝޮޓް ރިޕޯޓާއި ތުހުމަތުކުރެވޭ ފަރާތުގެ ބަޔާން ހިމަނާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައި އެވެ.

ކޯޓު އަމުރުގައިވަނީ އެ މައްސަލައިގައި ފުލުހުން އޭނާގެ ސައިކަލުގައި ޖެއްސިކަމަށް ބުނާ ބުނުން ދޮގުކޮށް، ސީނުގައި ކަން ހިނގާފައިވާގޮތް ސާފުކޮށްދިނުމަށް ސީނުގައިތިބި ފުލުހުންގެ ބަޔާންތަކެއް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ހުށަހަޅާފައިވާ ކަމަށް ބުނެފައި އެވެ.

މީގެ އިތުރުން އޭނާ އަށް ތަކުރާރުކޮށް މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދިޔަ ކަމަށާއި، ވަންވޭއާ ޚިލާފަށް ވެސް އޭނާ ދުއްވިކަމަށާއި ފުލުހުންގެ ކާރުގައި ޖައްސައި ގޭނިގެންދާ ގޮތަށް ވެސް ދުއްވިކަމަށާއި ފުލުހުން އޭނާގެ ސައިކަލުގައި ޖައްސައި ވައްޓާލާފައި ނުވާނެ ކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައި އެވެ.

މީގެ އިތުރުން އޭނާ ހެލްމެޓް ނާޅައި ބުރިޖުމަތިން ސައިކަލު ދުއްވިކަމަށާއި، ސައިކަލު ދުއްވަން އެރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް އޭނާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް އަމުރުގައިވެ އެވެ. ނަމަވެސް ސައިކަލުމަތީގައި އޮށޯވެގެން އޮވެ ސައިކަލު ދުއްވި ކަމަށް އޭނާ ވަނީ އިންކާރުކޮށްފައި އެވެ.

ކޯޓު އަމުރުގައިވަނީ މަސްތުގެ ހާލަތުގައިހުރެ އެއްވެސް އުޅަނދެއް ދުއްވުމަކީ އެ އުޅަނދު ދުއްވާ މީހާގެ ފުރާނަ އާއި މަގުމަތީގައި އުޅޭ މީހުންގެ ފުރާނައަށްވެސް ނުރައްކާތެރި ހާލަތެއް ކުރިމަތިކުރުންކަން ފާހަގަކޮށްފައި އެވެ.

އޭނާގެ ބަންދަށް އިއްޔެ ކޯޓުން 30 ދުވަސް ޖަހާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަށެެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް