ފުލުހުންނަށް ހިތްވަރު ދެއްވުމަށް މިނިސްޓަރު އިހުސާން މަގު މައްޗަށް!
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ފުލުހުންނަށް ހިތްވަރު ދެއްވުމަށް މިނިސްޓަރު އިހުސާން އޮޕަރޭޝަން ހިންގާ ސަރަހައްދަށް ވަޑައިގެން.
މާލެ ސަރަޙައްދުގެ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތްތައް ބައްލަވާލައްވައި، އޮފިސަރުންނަށް ހިތްވަރު ދެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ޒިޔާރަތް ކުރައްވައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ އާދީއްތަ ދުވަހުގެ ރޭ މިނިސްޓަރު އިހުސާން ކުރެއްވި މި ޒިޔާރަތުގައި، އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ މަސައްކަތްތައް ގާތުން ބައްލަވާލައްވައި، އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފުލުހުންނަށް ހިތްވަރު ދެއްވި ކަމަށެވެ.
އަދި މިނިސްޓަރު އިހުސާންގެ މި ޒިޔާރަތަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރު ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ޒިޔާރަތެއް ކަަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ ހާއްސަ އޮޕަރޭޝަންގައި ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ، ބިރުވެރިކަން އުފެދޭ ގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމާއި، ދުވެލިމަތަ ތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކް ކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން، ފުލުހުން މަޑުކުރަން އެންގުމުން މަޑު ނުކޮށް ފިލުމާއި ފިލަން މަސައްކަތްކުރާ ފަރާތްތަކާ މެދުގައި ކަަމަށެވެ.
މީގެ އިތުރުން މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަތައް ބޮޑަށް ފާހަގަކުރެވޭ ހުޅުމާލޭގެ މަގުތަކާއި، ސިނަމާލެ ބްރިޖާއި މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭ އަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި އޮޕަރޭޝަން މުޅި ގްރޭޓާ މާލެ ސަރަޙައްދު ހިމެނޭހެން ކުރިއަށްދާނެ ކަމަށް ބުނެފައިވެ އެވެ.
މި އޮޕަރޭޝަންއާ ގުޅޭ ގޮތުން ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަޙްމަދު ޙަނީފް އާއި، ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ނަޢީމް މީގެ ކުރިން ވިދާޅުވެފައިވަނީ، މައިގަނޑު އަމާޒަކީ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންނަށް އަމާންކަމާއެކު މަގުތައް ބޭނުން ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށާއި، ކަނޑައެޅިފައިވާ ލަނޑު ދަނޑިތައް ހާސިލުވަންދެން މި އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް