Article Top
ޚަބަރު •

ކާމިޔާބު ވަތަނީ ހިދުމަތް: 84 ޒުވާނުންނާއެކު 3 ވަނަ ބެޗު ފަށައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކާމިޔާބު ވަތަނީ ހިދުމަތް: 84 ޒުވާނުންނާއެކު 3 ވަނަ ބެޗު ފަށައިފި

ވަތަނީ ހިދުމަތަށް ޒުވާނުން ފުރަނީ ---

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު 84 ދިވެހި ޒުވާނުންނާ އެކު ފަށައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވާކަމަށެވެ.

Advertisement
Article Inside

އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.

މިނިސްޓްރީން ބުނީ އެ ތަމްރީނުގައި ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ހަ ކޯހެއް ކުރިއަށް ގެންދެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން، އަދި އޮފީސް މެނޭޖްމަންޓް ކޯހެވެ.

މި ކޯސްތަކުގެ މުޤައްރަރުގައިވާ ބައިތަކުގެ އިތުރުން، ފިޒިކަލް ފިޓްނަސް، ސްވިމިންގ، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް މި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދެވެއެވެ. ހަމައެއާ އެކު، މި ޕްރޮގްރާމުގައި ލައިފް ސްކިލް ކޮމްޕޯނަންޓްގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، ލީޑަރޝިޕް ހަރަކާތްތަކުގެ އިތުރުން އަދަބު އަޚްލާޤް ދަސްކޮށްދެވޭކަމަށް މިނިސްޓްރީން ބުންޏެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ޓްރެއިނިންގެ މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަޚްލާޤާއި ސުލޫކު އަދި ލީޑަރޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ދެވިގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމަކީ ޤައުމަށް ބޭނުންތެރި، މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ އެންމެ އިސް ސިޔާސަތުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މުހިންމު ޤައުމީ ޙަރަކާތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް