އީގަލް ހިލްސްއިން އަޅާ ހައުސިން ޔުނިޓުތަކުގެ ޓީޒާ ދައްކައިލައިފި، ވަރަށް "ވާއު"
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ޓީޒާ ވީޑިއޯއިން މަންޒަރެއް ---
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" ޕްރޮޖެކްޓު ހިންގުމަށް ހަވާލުކޮށްފައިވާ އީގަލް ހިލްސްއިން ހުޅުމާލެ ފޭސް 3 ގައި ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގެ ޓީޒާ ވީޑީއޯއެއް އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެކްސްއަށް ދޫކޮށްލި އެ ވީޑިއޯ ފެށެނީ "ވާއު" އިނގިރޭސި ބަހުން ލިޔެފައިވާ އިންޓްރޯ ޝޮޓަކުންނެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އީގަލްހިލްސްއިން ހިންގާ އެ މަޝްރޫއުގެ ނަމަކީ "ވާއު" ހެންނެވެ.
އެ ވީޑިއޯއިން ފެންނަނީ ހައުސިން ޔުނިޓުތަކާއި ކުޅިވަރު ކުޅޭނެ ފެސިލިޓީތަކާއި ވިޔަފާރި ކުރާނެ ތަންތަން ހިމެނޭ އެ ސަހަރު ހުޅުމާލެ ފޭސް 3 ގައި އޮންނަ ހުޅުމާލޭ އާބަން އައިލް ސަރަހައްދުގައި ތަރައްގީ ކުރާތަނެވެ.
ބުރިޖަކުން ގުޅާލާ އެ ސަރަހައްދުގައި ކުޅިވަރު ކުޅޭނެ ދަނޑުތަކުގެ އިތުރުން ބޭނުންވާނެ އިތުރު ވަސީލަތްތައް ވެސް ގާއިމްކޮށްފައިވެއެވެ.
މިނިސްޓަރު މުއްތަލިބުގެ އެ ވީޑިއޯގައި އިތުރު މައުލޫމާތެއް ނެތް ނަމަވެސް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ އަ މަޝްރޫއަކީ އީގަލް ހިލްސްއިން ކުރިއަށްގެންދިއުމަށް ނިންމައިފައިވާ މަޝްރޫއެއްކަމަށް ބުނެފައެވެ.
"މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" ޕްރޮޖެކްޓު ހިންގުމަށް 99 އަހަރަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމުން ބަދަލެއްގެ ގޮތުން އެ ކުންފުނިން ވަަނީ 5000 ހައުސިން ޔުނިޓު އެ ކުންފުނީގެ ހަރަދުގައި އަޅައިދިނުމަށް އެއްބަސްވެފައެވެ.
"މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" ޕްރޮޖެކްޓުގެ ދަށުން ރަސްމާލޭގައި ރިސޯޓުތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓަލްތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރަށް ދުނިޔޭގެ ފެންވަރުގެ މެރީނާ އަދި ވޯޓާފްރޮންޓު ތަންތަން ބިނާކުރާނެއެވެ. އަދި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ސިއްހީ ހިދުމަތްދޭނެ ތަންތަނާއި، ވިޔަފާރި ކުރާނެ ތަންތަން ވެސް އެ މަޝްރޫއުގެ ދަށުން ރަސްމާލޭގައި އެ ކުންފުނިން ހެދުމަށް ވަނީ ނިންމައިފައެވެ.
އީގަލް ހިލްސްއިން ލަފާކުރަނީ އެ މަޝްރޫއު ކުރިއަށްދާއިރު 40،000 ވަޒީފާ އުފެދޭނެކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން 18،000 ވަޒީފާ އުފެދޭނެކަމަށް ވެސް އެ ކުންފުނިން ލަފާކުރެއެވެ.
މީގެއިތުރުން އެ މަޝްރޫއުކުރިއަށްދާއިރު 20 ބިލިއަން ޑޮލަރު ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭނެކަމަށާއި، އަހަރަކު އެއް މިލިއަން ފަތުރުވެރިން އެ މަޝްރޫއު ނިމުމުން ރަސްމާލެއަށް ޒިޔާރަތްކުރާނެކަމަށް ވެސް އެ ކުންފުނިން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް