ރަސްމާާލެ މަޝްރޫއާއެކު ރަނގަޅު މުސާރައެއް ލިބޭ ދާއިމީ 18،000 ވަޒީފާ!
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލްއަލައްބާރު
ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއު އާއެކު، ރަނގަޅު މުސާރައެއް ލިބޭ ދާއިމީ 18،000 ވަޒީފާ އުފެދޭނެ ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލީ އަލްއައްބާރު ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގައި އީގަލް ހިލްސް އިން ކުރިއަށް ގެންދާ މަޝްރޫއުގެ މައުލޫމާތު ދިނުމަށް ރާއްޖެ ވަޑައިގެން މީޑިއާ އަކަށް ދެއްވި އިންޓަވިޔުއެއްގައި އަލްއަލައްބާރު ވިދާޅުވީ، ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ގާތް ގަނޑަކަށް 15،000 އާއި 18،000 އާ ދެމެދުގެ ދާއިމީ ވަޒީފާ އުފެދޭނެ ކަމަށެވެ. އެ ވަޒީފާ ތަކުން ރަނގަޅު މުސާރައެއް ލިބޭނެ ކަމަށް ވެސް އަލްއަލައްބާރު ވިދާޅުވި އެވެ.
މީގެ އިތުރުން އެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ މަރުހަލާގެ ތެރޭގައި ޖުމުލަ 40،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް އަލްއަލައްބާރު ވިދާޅުވެފައިވެ އެވެ.
އެ އިންޓަވިޔުގައި އަލްއަލައްބާރު ވަނީ ދާއިމީ ވަޒީފާތައް އުފެދިގެން އަންނާނެ ގޮތް ވެސް ސާފު ކޮށްދެއްވައިފަ އެވެ. އެގޮތުން އަލްއަލައްބާރު ވިދާޅުވީ، ވަޒީފާތައް އުފެދިގެން އަންނާނީ ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްޤީ ކުރާ މީހުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން، ހޯޓާ އަދި ވިޔަފާރިކުރާ ތަންތަނުގައި ކަމަށެވެ. ހަމައެހެންމެ، އެ ތަނުގައި ތަރައްޤީކުރާ ޕާކުތަކާއި، ސްކޫލު ތަކުން ވެސް ވަޒީފާ އުފެދިގެން އަންނާނެ ކަމަށް އަލްއަލައްބާރު ފާހަގަ ކުރެއްވި އެވެ.
އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދާ މި މަޝްރޫއު އަކީ 20 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއު އަކަށްވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިޤްތިޞާދަށް އެތައް ފައިދާ ތަކެއް ލިބިގެންދާނެ އެވެ. އަލްއަލައްބާރު ވިދާޅުވީ، އީގަލް ހިލްސް އިން ކުރިއަށް ގެންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ވާނެ ކަަމަށާއި، މުސާރައިގެ އޮނިގަނޑު ވެސް އެހެން ކުންފުނިތަކަށް ވުރެ ބޮޑުވާނެ ކަމަށެވެ.
އަލްއަލައްބާރު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ކުންފުނިތަކަށް ވެސް ފުރުސަތުތައް ލިބިގެންދާނެ ކަމަށާއި، އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެއީ ދިވެހިންނަށް ފައިދާވާނެ މަޝްރޫއު އަކަަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް