މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރާއި ރައްޔިތުން ރުހޭ ނަމަ: އަލައްބާރު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އަލައްބާރު ރާއްޖޭގެ މީޑީއާތަކަށް މައުލޫމާތު ދެނީ ---
މޯލްޑިވްސް ވޯޓާ ފްރޮންޓް މަޝްރޫއު ކުރިއަށް ގެންދާނީ ދިވެހި ސަރުކާރާއި ރައްޔިތުން އެކަމަށް ރުހޭނަމަކަމަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުވެފައިވާ މަޝްހޫރު އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ވޯޓާ ފްރޮންޓް މަޝްރޫއަކީ ރަސްމާލޭގައި ވޯޓާ ފްރޮންޓް މެރިނާާއެއްގެ އިތުރުން ހޮޓާތަކާއި، ލަގްޒަރީ ރެސިޑެންޓް ޓަވަރުތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ވިޔަފާރި ކުރާނެ ޖާގަތައް ހިމެނޭ ސަހަރެއް ބިނާކުރުމުގެ މަޝްރޫއެކެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ދުބާއީގައި ވަނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން ޓާމްސް ޝީޓުގައި ސޮއިކޮށްފައެވެ.
ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދޭއިރު، އެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ 10 އަހަރު ދުވަހުގެ ތެރޭގައެވެ.
އެ މަޝްރޫއު ނިމުމުން 18،000 އައު ވަޒީފާ އުފެދި އިތުރު 1 މިލިއަން ފަތުރުވެރިން ރާއްޖެ އަހަރު ގެނެވޭނެކަމަށް އަންދާޒާކުރެވެއެވެ. މީގެ އިތުރުން އެ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅައިދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
ނަމަވެސް 99 އަހަރަށް އީގަލް ހިލްސްއަށް އެ މަޝްރޫއު ކުރިއަށް ގެންދާތީ ބައެއް އިދިކޮޅު ފަރާތްތަކުން ނުރުހުން ފާޅުކުރަމުން ދާތީ އަލައްބާރު ވިދާޅުވީ އީގަލް ހިލްސް ރާއްޖެ އަންނާނީ ވިޔަފާރިކުރުމަށްކަމަށެވެ. އެހެންކަމުން އެ ކުންފުނި ވާނީ މެހެމާނަކަށް ކަމަށާއި، ރައްޔިތުން ބޭނުން ނުވާނަމަ މެހެމާނުންނަށް އެ ގައުމެއްގައި ވިޔަފާރި ކުރުމަށް ދަތިވާނެކަމަށް ވެސް އޭނާ ވިދާލުވިއެވެ.
ރަސްމާލޭގައި އެ ކުންފުނިން ކުރިއަށް ގެންދާ 20 ބިލިއަން ޑޮލަރުގެ މަޝްރޫރު ކުރިއަށް ގެންދިއުމަށް ވެފައިވާ ހުރިހާ އެއްބަސްވުމެއް އާންމުކުރަން ޖެހޭނަކަމަށް ވެސް އަލައްބާރު ވިދާޅުވިއެވެ. އަދި އެ އެއްބަސްވުންތައް އާންމުނުކުރެވީ ޑީޓެއިލްޑް އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާތީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލައްބާރު ވިދާޅުވީ އީގަލް ހިލްސްއިން ރާއްޖޭގައި އެ މަޝްރޫއު ކުރިއަށްގެންދާއިރު ރާއްޖޭގައި ހިދިފައިވާ ހުރިހާ ގާނޫނަކާއި ގަވައިދަކަށް ފުރުހަމައަށް ބޯލަނބާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. ރާއްޖޭގައި 99 އަހަރަށް ބިން ލީސް ކުރެވޭ ގަވައިދެއް އޮތްނަމަ އެކަމަށް ވެސް ބޯލަނބާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް