ގައުމީ ޔުނިވާސިޓީގައި އިންޖިނޭރުކަން ކިޔަވާ ދަރިވަރުންނާ ރައީސް ބައްދަލުކުރައްވައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ގައުމީ ޔުނިވާސިޓީގެ އިންޖިނިއަރިން ދަރިވަރުންނާއެކު ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ގައުމީ ޔުނިވާސިޓީގައި އިންޖިނޭރުކަން ކިޔަވާ ދަރިވަރުންނާ ރައީސް ބައްދަލުކުރައްވައިފިއެވެ.
ރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަރިވަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ، މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްޤީއަށް، ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު މުހިންމުކަމަށާއި، ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އިންޖިނޭރިން ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުންކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ ސިޔާސަތެއްގެ ގޮތުގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމެވީވެސް މި ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައިކަމަށެވެ. އަދި ޒުވާން، ދިވެހިން މި ދާއިރާއިން ކިޔަވައިގެން ނިކުތުމުން ވަޒީފާ ނުލިބޭންވީ ސަބަބެއް އޮވެގެންނުވާނެ ކަމަށާއި، ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ފަސޭހައިން ވަޒީފާ ލިބޭނެ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ދަރިވަރުން ވަނީ ކިޔެވުމުގައާއި އަމަލީ މައިދާނުގައި ދިމާވާ ދަތިތައް، ރައީސްއާ ހިއްސާކޮށްފައެވެ. އެގޮތުން ލެބޯޓަރީއާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ނެތުމުގެ ސަބަބުން އަމަލީ ތަޖުރިބާ (ހޭންޑްސް-އޮން އެކްސްޕީރިއެންސް) ހޯދުމަށް ހުރަސްތަކެއް ހުރިކަން ދަރިވަރުން ފާހަގަކުރިއެވެ.
މީގެއިތުރުން އާކިޓެކްޗާ ދަރިވަރުންނަށް ހާއްސަ ސްޓޫޑިއޯތައް ނެތުމާއި، ރާއްޖޭގައި އެދާއިރާއިން މާސްޓާސް ލެވެލްއަށް ކިޔެވޭނެ އިންތިޒާމު ނެތުމުގެ މައްސަލަވެސް ދަރިވަރުން ފާހަގަކުރިއެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީންނަށް ވަޒީފާގެ ފުރުސަތުތައް ލިބެމުންދާތީ، ސަނަދުލިބިފައިވާ ދިވެހި އިންޖިނޭރުންނަށް ވަޒީފާ ހޯދުމަށް ދަތިވާކަމަށް ވެސް އެ ދަރިވަރުން ފާހަގަކުރިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ،މިދިޔަ އަހަރުއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 3 0ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް