މިދިޔަ މަސް ނިމުނުއިރު ރަސްމީ ރިޒާވް 547 މިލިއަން ޑޮލަރަށް
ލިޔުންތެރިޔާ
އެމްއެމްއޭ ---
ނިމުނު ސެޕްޓެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވު 547 މިލިއަން ޑޮލަރަށް އަރައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 547.7 މިލިޔަން ޑޮލަރެވެ. މިއީ އޮގަސްޓުމަސް ނިމުނުއިރު ރިޒާވުގައި ހުރި އަދާދާ އަޅާ ބަލާއިރު 14.9 އިންސައްތަ ދަށް އަދަދެކެވެ. އޮގަސްޓު މަހު ރަސްމީ ރިޒަރވްގައި ހުރީ 643.9 މިލިޔަން ޑޮލަރެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ޔޫޒަބަލް ނުވަތަ ބޭނުންކުރެވޭ ރިޒާވުގައި ހުރި މިންވަރުވެސް ވަނީ ދަށްވެފައެވެ.
އެގޮތުން އޮގަސްޓު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 200.6 މިލިޔަން ޑޮލަރު ހުރިއިރު، ސެޕްޓެމްބަރު މަސް ނިމުނުއިރު މި އަދަދު ވަނީ 167.7 މިލިޔަން ޑޮލަރަށް ދަށްވެފައެވެ. މިއީ 15.4 އިންސައްތައިގެ ދަށްވުމެކެެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ސެޕްޓެންބަރު މަހުގައި އެމްއެމްއޭއަށް ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަަށްވުރެ އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވުމެވެ.
އެގޮތުން ފާއިތުވީ އޯގަސްޓު މަހާ އަޅައިބަލާއިރު، އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.
ބޭރު ފައިސާ ވިއްކި މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2019 ވަނަ އަހަރު، ސަރުކާރުން ބަޖެޓް ސަޕޯޓުގެ ބޭނުމަށް އެސްބީއައި ބޭންކު މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ބާކީ ދަައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރު ސެޕްޓެމްބަރު މަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެމްއެމްއޭއިން ސަރުކާރަށް ޑޮލަރު ވިއްކުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް