ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު، މަޖިލީހުގެ ރައީސްގެ އަރިހަށް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު ސަލާމް ކުރައްވަނީ.
ސައުދީ އަރަބިއްޔާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއް ރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނެފައިވާ ގޮތުގައި މި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް އިސްލާމީ ޢުޙުއްވަތްތެރިކަމާއި، އެއްގޮތް އުސޫލުތަކާއި، ބަދަހި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވި ކަމަށެވެ.
މީގެ އިތުރުން މި އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވުނު ޒިޔާރަތްތަކަކީ، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ވަރުގަދަކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ. އަދި، މިފަދަ ދަތުރުފުޅުތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން އިތުރުވެގެން ދިޔަ ކަމަށް ވެސް ފާހަގަ ކުރައްވާފައިވެ އެވެ.
އެ ބައްދަލު ކުރެއްވުމުގައި ސައުދީ އަރަބިއްޔާގެ ސަފީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާރިޖީ، ބަރުލަމާނީ އަދި ސަޤާފީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރަޙައްދީ ސަލާމަތީ މަޝްރަހާ ގުޅޭ ގޮތުންނާއި، ސައުދީ އަރަބިއްޔާ އަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކާއި އޭގެ ސަބަބުން ޔަމަން އަށް ކުރިމަތިވެފައިވާ އިންސާނީ ގޮންޖެހުންތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. އަދި، ސަރަޙައްދީ ސުލްޙަޔާއި ހަމަޖެހުން ޤާއިމު ކުރުމަށް ސައުދީ އަރަބިއްޔާ އިން ކުރަމުންދާ މަސައްކަތްތަކާއި، ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަން ވެސް ސައުދީ އަރަބިއްޔާގެ ސަފީރު ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، ދިވެހިރާއްޖެ އަބަދު ވެސް އޮންނާނީ ސައުދީ އަރަބިއްޔާ އާއެކުކަން ފާހަގަ ކުރައްވައި، ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި އޮންނަ މަޝްވަރާ އާއި އެއްބާރުލުން ދެމެހެއްޓުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް