ހދ.އަތޮޅާއި، ށ.އަތޮޅުގައި ފެނަކަ އިން ދެމުން އައި ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ
ލިޔުންތެރިޔާ
ސްޓެލްކޯ އިން ރަށެއްގެ ޔުޓިލިޓީ ޚިދުމަތާ ހަވާލުވުމުގެ ގޮތުން ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން.
ހދ.އަތޮޅާއި ށ.އަތޮޅުގެ ރަށްތަކުގައި ފެނަކަ އިން ދެމުން އައި ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ، ފެނަކަ އުވާލައި އެ ކުންފުނިން ކުރަމުން އައި މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ނިންމައިފަ އެވެ. އެއާ އެކު، ސްޓެލްކޯ އިން އަންނަނީ ސިޓީތަކާއި، ރަށްތަކުގެ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތަކާ ހަވާލުވަމުންނެވެ.
ސްޓެލްކޯ އިން ބުނެފައި ވަނީ ރައީސްގެ އެ ނިންމެވުމާ އެއްގޮތަށް ހދ.އަތޮޅާއި ށ.އަތޮޅުގެ ރަށްތަކުގައި ފެނަކަ އިން ފޯރުކޮށްދެމުން އައި ޔުޓިލިޓީގެ ޚިދުމަތްތައް ދިނުމާ އެ ކުންފުނިން މިހާރު ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. އަދި އެ އަތޮޅުގެ ރަށްތަކުގައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި، އެ އަތޮޅު ތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑު ތަަކަށް ފެއްތުމުގެ މަސައްކަތް ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ އަމާޒަކީ މި ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރު ކޮށްދިނުން ކަަމަށެވެ. ސްޓެލްކޯ އިން ވަނީ މިހާތަނަށް ރާއްޖޭގެ ގިނަ އަތޮޅު ތަކުގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް