ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހުން ހައްޔަރުކޮށްފި
ލިޔުންތެރިޔާ
މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން.
މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފި އެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ، ހީނާގެ/ ނ.ހޮޅުދޫ، ޢަލީ ޢައްފާން (32އ) އާއި ޕްލާޒާ/ ނ.ހޮޅުދޫ، މުޙައްމަދު ޙަމީދު (34އ) އަދި ވީނަސް/ ނ.ވެލިދޫ، ޙައްސާނު ޢަލީ (34އ) އެވެ.
މި ތިން މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރު ކޮށްފައި ވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސް އިން ދިމާވި މީހަކާ ވާހަކަ ދައްކައި ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އޭނާ ހައްޔަރު ކޮށްފައި ވަނީ ނ.ވެލިދޫ އިންނެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި އެވެ.
ޢަލީ ޢައްފާން އާއި، މުޙައްމަދު ޙަމީދު ހައްޔަރު ކޮށްފައި ވަނީ 2026 އޮގަސްޓު 7 ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ނ.ހޮޅުދޫ އިންނެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް