Article Top
ޚަބަރު •

ތިލަމާލެ ބްރިޖު: 80 އިންސައްތަ މަސައްކަތް ނިމި، މި ހަފުތާގައި ވިލިމާލެ އިން ގުޅީފަޅަށް ގުޅާލަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ތިލަމާލެ ބްރިޖު: 80 އިންސައްތަ މަސައްކަތް ނިމި، މި ހަފުތާގައި ވިލިމާލެ އިން ގުޅީފަޅަށް ގުޅާލަނީ

ތިލަމާލެ ބްރިޖު - ފޮޓޯ/ ހައުސިން މިނިސްޓްރީ

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަދޭ، ތިލަމާލެ ބްރިޖުގެ 80 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ތިލަމާލެ ބްރިޖުގައި މިހާރު ކުރިއަށް ދަނީ ބްރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓުތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެގޮތުން ބްރިޖުގެ ޑެކަށް ޖުމުލަ 1222 ސެގްމަންޓު ބޭނުންވާއިރު، އޭގެ ތެރެއިން 98.53 އިންސައްތަ ސެގްމަންޓުގެ މަސައްކަތް ކާސްޓުކޮށް ނިމިފައިވެ އެވެ.

Advertisement
Article Inside

މީގެ އިތުރުން ބްރިޖުގެ އެއް ތަނބާއި އަނެއް ތަނބު ގުޅާލުމުގެ މަސައްކަތުގެ ތެރެއިން، އިންސްޓޯލް ކުރުމުގެ 88 އިންސައްތަ ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދީފައިވެ އެވެ. އެހެންކަމުން މުޅި ބްރިޖަށް ބަލާއިރު، މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މި ވަނީ ނިންމާލެވިފައި އެވެ.

ހައުސިން މިނިސްޓްރީ އިން ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޮކްޓޫބަރު މަހުގެ ނިޔަލަށް ބްރިޖުގެ ވިލިމާލެ އާއި ގުޅީފަޅަށް ގުޅާލުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން ބްރިޖުގައި މިހާރު ކުރިއަށް ގެންދަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ ވެސް، ވިލިމާލެ އިން ގުޅީފަޅަށް ގުޅާލުން ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އަޅަމުން އަންނަ މި ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމު ކުރެވޭ ދެ ވަނަ ބްރިޖެވެ. މި ބްރިޖުގެ މާލެ އިން ވިލިމާލެ އަށް ގުޅާލާ ބައި ނިންމާފައި ވަނީ މިއަހަރުގެ އޮގަސްޓު މަހު އެވެ. މާލެ އިން ވިލިމާލެ އަށް އެއީ 2.2 ކިލޯ މީޓަރުގެ ބްރިޖެކެވެ. އަދި ވިލިމާލެ އިން ގުޅީފަޅަށް އެއީ 750 މީޓަރުގެ ދިގު މިނުގެ ބްރިޖެކެވެ. މީގެ އިތުރުން ގުޅީފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖަކީ ގާތްގަނޑަށް 600 މީޓަރުގެ ބްރިޖެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް