ތިނަދޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ
ލިޔުންތެރިޔާ
ތިނަދޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވުމަށް ސްޓެލްކޯ އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ގދ.ތިނަދޫ ސިޓީގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯ އިން ރަސްމީކޮށް ފަށައިފި އެވެ.
ސްޓެލްކޯ އިން ވަނީ ތިނަދޫ ސިޓީގައި މި ޚިދުމަތްތައް ފެށުމުގެ ގޮތުން އަންގާރަ ދުވަހު ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު އެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ނަޒީރު އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަކީ، ތިނަދޫ ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެކަމަށްޓަކައި ރައީސަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
ތިނަދޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޒުވަރު އަދި އިސްވެރިން ވަނީ އެ ސިޓީގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނާ ވެސް ބައްދަލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް