ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުމަކީ ލާޒިމު ކަމެއް: ބަންޑާރަ ނައިބު
ލިޔުންތެރިޔާ
ބަންޑާރަ ނައިބު އަޙުމަދު އުޝާމް.
ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުމަކީ ލާޒިމު ކަމެއް ކަމަށް ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު ވިދާޅުވީ، "ޤަތުލުއާންމު" އަކީ ޖެނޮސައިޑް ކަމަށެވެ. އަދި ޤަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނު މާބެހޭ ބައިނަލްއަޤުވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެ އިން ބައިވެރިވެފައިވަނީ 1984 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށް ބަންޑާރަ ނައިބު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އެ މުއާހަދާގެ 5 ވަނަ މާއްދާގައި، އެ މުއާހަދާ އަށް ޢަމަލު ކުރުމަށްޓަކައި އެ މުއާހަދާގައި ބައިވެރިވެފައިވާ ޤައުމު ތަކުން ހަދަން ޖެހޭ ޤާނޫނުތައް ހެދުމާއި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމު ކޮށްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބު އުޝާމް ވިދާޅުވި އެވެ.
އެހެން ނަމަވެސް، އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރު ވެސް ދިވެހިރާއްޖެ އިން މި ޒިންމާ އަދާކޮށްފައި ނުވާ ކަމަށް ބަންޑާރަ ނައިބު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި މުސްލިމުންނާ ދެކޮޅަށް ޤަތުލްއާންމުގެ ކުށްތައް ހިންގާފައިވާ، އަދި ހިންގަމުންދާ ޤައުމުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މައްސަލަ ތަކެެއް ކަމަށްވާ، “ދަ ގެމްބިއާ ވ.މިޔަންމާ” އަދި “ސައުތު އެފްރިކާ ވ. އިސްރާއީލް” މައްސަލަ ތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްޚުލުވެ، ޖެނޮސައިޑްގެ ކުށްތައް ހިންގާ ޤައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތު ކޮށްފައި ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ނަމަވެސް، އެހެން ޤައުމު ތަކުން ޖެނޮސައިޑް ކޮންވެންޝަން އަށް ކަމޭހިތުމަށް ދިވެހިރާއްޖެ އިން ގޮވާލާއިރު، ދިވެހިރާއްޖެ އިން އެ މުއާހަދާގެ ދަށުން ކުރުން ލާޒިމު ކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ދިވެހިރާއްޖެ އިން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާ ތަކަށް އަސަރުކުރާ ކަމެއް ކަަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުލް އާޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެ މަތިން ޤަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑަ އަޅައި، އެ ކުށުގެ އަދަބު ބަޔާން ކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. އަދި އެއީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ދިވެހިރާއްޖެ އިން ކުރުން ލާޒިމު ކޮށްފައިވާ ކަމެއް ކަމަށް ވެސް ފާހަގަ ކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް