ރަސްމާލެ އިން އެއްވެސް ތަނެއް ގަތުމުގެ ފުރުސަތު އިސްރާއީލްގެ މީހަކަށް ނޯންނާނެ: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ،
ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއު ނިމުމުން އެ ތަނުގެ އެއްވެސް ތަނެއް ނުވަތަ ޕްރޮޕަޓީއެއް ގަތުމުގެ ފުރުސަތެއް އިސްރާއީލްގެ އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރަައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލޭގައި އިސްރާއީލް އާއި ޔަހޫދީން އަބާދު ކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. ރައީސް މުޢިއްޒު ވަނީ ރަސްމާލޭގެ މަޝްރޫއު އިން އެއްވެސް ޕްރޮޕަޓީއެއް އިސްރާއީލްގެ އެއްވެސް މީހަކަށް ނުވިއްކާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ފަތުރަމުން އަންނަ ދޮގު ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެ ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތަކުން ފައިދާ ނަގައިގެން، ސިޔާސީ ގޮތުން ހަގީގަތް އޮޅުވާލަން ކަމަށެވެ. އެއާއެކު ރައީސް މުޢިއްޒު ވަނީ، ރަސްމާލެ މަޝްރޫއާ ގުޅޭ ހުރިހާ މައުލޫމާތެއް ސަރުކާރުން ހާމަކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވައިފަ އެވެ.
ރަސްމާލޭގައި ވޯޓާ ފްރަންޓަކާއި މެރީނާއެއް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ ކުރު މުއްދަތެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްޤީ ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށެވެ.
އެ މަޝްރޫއުގެ ސަބަބުން ދިވެހި ދައުލަތާއި، ދިވެހި ރައްޔިތުންނަށް އެތަކެއް މަންފާތަކެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އިދިކޮޅު ފަރާތްތަކުން އެ މަޝްރޫއުގެ ދަށުން ގަންނަ ތަންތަނުގެ އެއްބަސްވުމުގެ މުއްދަތު އަމިއްލަ އަށް އައު ވެގެންދާނެ ކަމަށް ބުނަމުން ގެންދިޔަ ނަމަވެސް، ރައީސް މުޢިއްޒު ވަނީ އެކަން ވެސް ދޮގު ކުރައްވައިފަ އެވެ.
ރަސްމާލެ އިން އެއްވެސް ބިމެއް ނުވަތަ ޕްރޮޕަޓީއެއް ގަތުމުގެ ފުރުސަތު އިސްރާއީލްގެ އެއްވެސް މީހަކަަށް ނޯންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވީއިރު، މީގެ ކުރިން ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވެސް ވަނީ އެހެން ވިދާޅުވެފައި އެވެ. މިނިސްޓަރު މުއްޠަލިބު ވަނީ އެކަން ޔަޤީންކުރުމަށްޓަަކައި ދިވެހި ސަރުކާާރުން ހުރިހާ ގޮތް ގޮތަކުން ބަލާނެ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް